ރާއްޖޭގައި ހުޅުވި ފުރަތަމަ އައިސް ރިކް ޖުމެއިރާ ވިޓާވެލީގައި ހުޅުވައިފިއެވެ.
މިއައިސް ރިންކަކީ ޖުމެއިރާ ވިޓާވެލީގެ ބީޗް ސަރަހައްދުގައި ހަދާފައިވާ ރިންކެކެވެ. ޖުމެއިރާ ރިޒޯޓުން ބުނީ މިގޮތަކަށް މޫދާ ކައަރީގައި އައިސް ސްކޭޓިންގް ރިންކު ހުޅުވީ ފަތުރުވެރިންނަށް ވީހާވެސް ތަފާތު ތަޖުރިބާއެއް ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ. 170 އަކަމީޓަރުގެ މި ރިކްގައި އައިސް ސްކޭޓުކުރުމުގެ އިތުރުން އައިސް ހޮކީވެސް ކުޅެވޭނެކަމަށް ރިޒޯޓުން ބުނެއެވެ. ރިޒޯޓުން ބުނީ ކޮންމެ ދުވަހަކުވެސް މެންދުރު ބާރައިން އިރުއޮއްސި ހަޔެއް ޖަހަންދެން މި ރިންކު ފަތުރުވެރިންނަށް ބޭނުންކުރެވޭނެކަމަށެވެ. ރިންކު ބޭނުންކުރުމަށް ފުރަތަމަ ފަހަރު ދެ ގަޑިއިރަށް 75 ޑޮލަރު ޗާޖުކުރާއިރު، ދެން ކޮންމެ ފަހަރަކުވެސް 50 ޑޮލަރު ދައްކައިގެން ރިންކު ބޭނުންކުރެވޭނެކަމަށް ރިޒޯޓުން ބުނެއެވެ.
މި އައިސް ރިންކު ރަސްމީކޮށް ހުޅުވާފައިވަނީ އައިސް ސްކޭޓް ކުރުމުގައި 4 ފަހަރު އޮލިންޕިކް މެޑަލް ކާމިޔާބުކޮށްފައިވާ އެވްޖެނީ ޕްލުޝެންކޯއެވެ. މިތަންހުޅުވުމަށްފަހު ޕްލުޝެންކޯ ދެއްކި ވާހަކައިގައިވަނީ އޭނާގެ މުޅިހަޔާތުގައިވެސް މޫދު ފެންނަ ފަދައިން ބީޗެއްގައި ހަދާފައިވާ އައިސް ރިންކެއްގައި ސްކޭޓްކޮށްފައި ނުވާނެކަމަށް ބުނެފައެވެ. ޖުމެއިރާ ވިޓާވެލީގެ ޖެނެރަލް މެނޭޖަރ އަމިތު މަޖުންމަދަރު ބުނީ މިފަދަ ތަނެއް ހެދުމުގެ ޚިޔާލު ލިބުނީ އެރިސޯޓަށް ޒިޔާރަތްކޮށްފައިވާ ޒުވާނެއްގެ ފަރާތުންކަމަށެވެ. ޖުމެއިރާއިން ބުނީ އައިސް ރިންކުގައި އަބަދުވެސް ޕްރޮފެޝަނަލް ޓްރެއިނަރަކާއި އެހެނިހެން ސްޓާފުން ތިބޭނެކަމަށެވެ.