ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ވަސީމް އަކްރަމް ރާއްޖޭގެ އެކްޓިންގް ފޮރިން މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރާ ބައްދަލްކުރައްވައިފިއެވެ.
މިބައްދަލްކުރެއްވުން ކުރިޔަށް ދިޔައީ ފޮރިން މިނިސްޓްރީގައެވެ. މިބައްދަލްވުމުގައި މިނިސްޓަރ އާދަމް ޝަރީފުވަނީ ޕާކިސްތާނުގެ އައު ސަފީރު އެމާޤާމާ ހަވާލްވެވަޑައިގެންފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. މިނިސްޓަރ އާދަމް ޝަރީފާއި ޕާކިސްތާނުގެ ސަފީރުގެ ބައްދަލްވުމުގައި ވަނީ ދެޤައުމުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތާބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ.
މިބައްދަލުވުމުގައި ޕާކިސްތާނުގެ އައު ސަފީރުވަނީ ރާއްޖޭގެ ސަރުކާރާއެކު ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުރުމުގައި ޕާކިސްތާނުން ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. މިބައްދަލްވުމުގައި ފޮރިން މިނިސްޓްރީގެ ސެކެޓްރީ ބައިލޭޓަރަލް އަޙްމަދު ޚަލީލާއި ޑިރެކްޓަރ އާމިނަތު ޝަބީނާ ބައިވެރިވެވަޑައިގަތެވެ.