ކުޅިވަރު

ބަލިނުވެ ސަލާމަތްވިޔަސް، ނިއުގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް!


މެޗުގެ ފަހު ވަގުތު އަކުރަމް ކާމިޔާބުކޮށްދިން ގޯލުން، ނިއުރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

 އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ނިއުރޭޑިއަންޓާއި ކްލަބް އީގަލްސް ވާދަކުރި މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދީ ކްލަބް އީގަލްސް އިންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި އީގަލްސްއަށް ކާމިޔާބުކޮށްދިނީ ލުއިސް އެޑުއާޑޯއެވެ. އީގަލްސް އިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގި ފަހުން ނިއުރޭޑިއަންޓުގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އަށް ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ރިހާމް ގޯލާ އަމާޒުކޮށް ފޮނުވާލީ ބޯޅަ އީގަލްސްގެ ކީޕަރ ސުޖަން ޕެރޭރާ ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ. 

މި މެޗުގައި ކްލަބް އީގަލްސް އިން ކާމިޔާބުކުރި ދެވަނަ ލަނޑަކީވެސް ލުއިޒް އެޑުއާޑޯ ކާމިޔާބުކޮށްދިން ގޯލެކެވެ. ނިއުގެ ޑިފެންޑަރުންގެ ބޯމަތިން އައި ބޯޅަ އީގަލްސްގެ މުހައްމަދު ނާއިމް ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ، އެޑުއާޑޯއަށް ޖައްސާލުމުން ބޯޅަ ގޯލަށް ފޮނުވާލީ ހުސްކޮށްހުރެއެވެ. އީގަލްސް އިން ދެވަނަ ލަނޑު ޖެހުމާއެކު ނިއުގެ ކުޅުންތެރިންނާއި، އޮފިޝަލުން ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށްބުނެ މެޗުގެ ރެފްރީ އާދަމް ފަޒީލް ކައިރި ވަރަށް ބޮޑަށް މައްސަލަ ޖައްސާ ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ލައިސްމަނަކަށް ހުރި ނިއުޝާދު މުހައްމަދުގެ އިޝާރާތާއެކު ރެފްރީ ނިންމާފައިވަނީ އެއީ ގޯލެއްކަމަށެވެ. 

އީގަލްސް އިން ދެ ލަނޑުގެ ލީޑެއް ނެގުމުން ނިއުއިން ވަނީ ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަތަން ވެފައި ވަނިކޮށް ރެފްރީ ފަޒީލްގެ ނިންމުންތަކަށް މެދުކެނޑުމެއް ނެތި ފާޑުކިޔަ ނިއުގެ ކޯޗް އޮސްކާ ބްރުޒޮން ވަނީ ބެންޗުން ފޮނުވާލާފައެވެ. އަދި ބެންޗުގައި އިނދެ ރެފްރީގެ ނިންމުންތަކަށް ފާޅުގައި ދެކޮޅު ހަދަމުން ދިއުމުގެ ސަބަބުން މިއަދު ބެންޗުގައި އިން ނިއުގެ އެއްވަނަ ކީޕަރު އިމްރާން މުހައްމަދަށް ރެފްރީ ވަނީ ރީނދޫ ކާޑު ދައްކާފައެވެ. 

މެޗުގެ ދެވަނަ ހާފު ފަށައިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ނިއުރޭޑިއަންޓުން ވަނީ ފުރަތަމަ ލަނޑު ޖަހާ އުއްމީދު ހޯދާފައެވެ. ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ކްލަބް އީގަލްސް އިން ނިއުއަށް މި ސީޒަންގައި ބަދަލުވި ރިހާމް އަބްދުލް ޣަނީއެވެ. މި ލަނޑަކީ އޭނާ ނިއުރޭޑިއަންޓަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި އޭނާގެ ކުރީގެ ކްލަބް އީގަލްސް ކޮޅަށް ޖެހި ފުރަތަމަ ލަނޑުވެސްމެއެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ނިއުއަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތު ބޭކާރުވީ އަލީ ފާސިރު، ސެންޓޭ އަތުންނެވެ. އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ނިއުގެ ހަސަން އަދުހަމްއަށް ފައުލްކުރުމުން ލިބުނު ޕެނަލްޓީ ސެންޓޭ ފޮނުވާލުމުން ދަނޑީގައި ޖެހިފަ ދިޔައީ ބޭރަށެވެ. 

img:http://s4.psmnews.mv/images/660x400/15215586975460.JPG|އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަކުރުމަށްފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ޕީއެސްއެމް

މިއަދު މެޗުގައި ނިއު ބަލިނުވެ ސަލާމަތްކޮށްދިން ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި އަކްރަމް އަބްދުލް ޣަނީއެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުގެ އެސިސްޓެންޓް ކޯޗު އަޝްރަފު ލުތުފީ (ސަންޕަތު) ބުނީ މެޗުން މޮޅު ނުވެވުނީ ރެފްރީގެ ސަބަބުން ކަމަށާއި، އީގަލްސް އިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ އޮފްސައިން ގޯލެއް ކަމަށެވެ. އެހާ ހިސާބުން މުޅި މެޗުގެ ކޮންޓްރޯލް ގެއްލިގެން ދިޔަކަމަށް ސަންޕަތު ބުންޏެވެ.

"މެޗުން މޮޅުނުވެވުނީ ހަމަ ރެފްރީގެ ސަބަބުން. އީގަލްސް އިން ޖެހި ދެވަނަ ގޯލާ ހިސާބުން މެޗުގެ ކޮންޓްރޯލް މުޅިންހެން އަހަރުމެން އަތުން ދިޔައީ ގެއްލިގެން. އެއްވެސް ވަރަކަށް ރެފްރީގެ ނިންމުންތަކާއި މެދު ހިތްހަމައެއް ނުޖެހޭ". ސަންޕަތު ބުންޏެވެ. 

މެޗުން ތިން ޕޮއިންޓް ލިބޭނެ ކަމުގެ އުންމީދުގައި ހުރި ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުގެ ދެވަނަ ހާފުގައި ރެފްރީ ހުރީ ވަކި ބައެއް ދެކެ ބިރުގަނެފައި ކަމަށެވެ.

"ފުރަތަމަ ހާފުގެ ވަކި ހިސާބެއްގައި ވަރަށް ރަނގަޅަށް ރެފްރީގެ ނިންމުންތައް ފެނިގެންދިޔައީ. އެކަމަކު ވަކިބަޔަކު އަޑުގަދަކޮށް ހެދުމުން ރެފްރީގެ ނިންމުތައް ދިޔައީ މަޑުމަޑުން ބަދަލުވަމުން. ރެފްރީން ބިރުގަނެގެން މިކަން ކުރަން ވެއްޖިއްޔާ މިކަމެއް ނުވާނެ". މޯހަން ބުންޏެވެ.

މިމެޗުން ބަލިނުވެ ނިއު ސަލާމަތްވިޔަސް، ނިއުގެ މޮޅުވުމުގެ ސިލްސިލާ ވަނީ ނިމިފައެވެ. ނިއު އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުންނެވެ.