ކުޅިވަރު

ޞަރަހައްދީ ޓީޓީ މުބާރާތެއް އަންނަ މަހު ރާއްޖޭގައި


ސައުތު އޭޝިޔަން ޖޫނިޔަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް އަންނަ މަހު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

 ދެކުނު އޭޝިޔާގައި ޖޫނިޔަރ ލެވަލްގައި ކުޅޭ އެންމެ ބޮޑު މުބާރާތަށް ރާއްޖޭގެ ޖޫނިޔަރ ޤައުމީ ޓީމްވެސް ދަނީ ފަރިތަކުރަމުންނެވެ. މުބާރާތުގައި ސަރަހައްދު ޤައުމުތަކުގެ ތެރެއިން ބޫޓާން ފިޔަވައި ހުރިހާ ޤައުމުތަކުން ވާދަކުރާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މުބާރާތް ކުޅޭނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. 12 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާނީ ހޯޕްސް ކެޓަގަރީގައެވެ. 15 އަހަރުން ދަށުގެ ކުޅުންތެރިން ކެޑޭޓް ކެޓަގަރީގައި ވާދަކުރާއިރު، 18 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރަނީ ޖޫނިއަރ ކެޓަގަރީގައެވެ. 

ރާއްޖޭގައި މުބާރާތް ބާއްވަން ލިބުނު ފުރުސަތާ ގުޅޭގޮތުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ ރާއްޖޭގައި މިފަދަ މުބާރާތެއް ބޭއްވެގިންދިޔުން އެއީ މިހާރު ޓީޓީ ހާލަތު އޮތްގޮތުން ލިބިގެންދާނެ ކުރިއެރުމެއްކަމަށެވެ. އެގޮތުން ޤައުމު ތަމްސީލް ކުރުމަށް މިހާ ޅަކުޅުންތެރިން ނުކުންނަތަން އަމިއްލަ ފަސްގަނޑުގައި ބަލާލަން ލިބުމުމަކީ ޓީޓީއަށް ޝައުގުވެރިވާ ކުޅުންތެރިންނަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ.

" މިމުބާރާތް ބޭއްވުމުގެ ސަބަބުން ރާއްޖޭގެ ޓީޓީއަށް ހެޔޮބަދަލު ތަކެއް ކުރާނެ. މިކުޅިވަރަށް އިތުރު ބަޔަކު ޝައުގުވެރިކަން އުފެދިގެންދާނެ." ސުޖާ ވިދާޅުވިއެވެ.

މިމުބާރާތުގައި ރާއްޖެއިން ދިހަ ކުޅުންތެރިން ވާދަކުރާނެއެވެ. މުބާރާތް ކުރިޔަށްދާނީ އޭޕްރީލް މަހުގެ 20-22 އަށް ޒުވާނުން މަރުކަޒުގެ އެތެރޭ ހޯލްގައެވެ.