ކެންސަރު ބަލީގެ މައި އޮޕަރޭޝަނެއް އައި.ޖީ.އެމް.އެޗްގައި ކާމިޔާބުކަމާއެކު ކުރި ޑޮކްޓަރުންގެ ޓީމާ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހިމް ބައްދަލުކުރައްވާ އެބޭފުޅުންނަށް މަރުޙަބާ ދަންނަވައިފިއެވެ.
މިނިސްޓަރ މިޓީމާ ބައްދަލުކުރެއްވީ މިއަދު އައި.ޖީ.އެމް.އެޗުގައެވެ. މި ބައްދަލުކުރެއްވުމުގައި އޮޕަރޭޝަނުގައި އިސްކޮށް ޙަރަކާތްތެރިވި ކެންސަރުބައްޔަށް ފަރުވާދިނުމަށް ޚާއްޞަ ރާއްޖޭގެ ހަމައެކަނި ޑޮކްޓަރު މުޙައްމަދު ޝިފާން ބައިވެރިވިއެވެ.
މިބައްދަލްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނާޒިމް ވަނީ ކާމިޔާބުކަމާއެކު މިހާ ބޮޑު އޮޕަރޭޝަނެއް ނިންމާލުމަކީ ސަރުކާރުން ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތާގައިވެސް މިފަދަ ކުރިއެރުންތައް ހޯދުމަށް މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެކުގައި މަސައްކަތްކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި މިނިސްޓަރ ވަނީ މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރިޔަށްގެންދިއުމަށް ހުރިދަތިތައް އޮޅުންފިލުވާފައެވެ. މިނިސްޓަރ މިއަދު އައިޖީއެމްއަޗަށް ކުރެއްވި ޒިޔާރަތުގައި ގޮހޮރުގެ ކެންސަރުގެ އޮޕަރޭޝަން ކުރި ބަލިމީހާގެ ޙާލުވެސް ބައްލަވާލެއްވިއެވެ.
މިދިޔަ އާދީއްތަ ދުވަހު އައި.ޖީ.އެމް.އެޗްގައި ކުރި އޮޕަރޭޝަނަކީ ކާއެއްޗެހި ހަޖަމްކުރާ މައިދާއަށް ކެންސަރު ޖެހިގެން ބަލިމީހާގެ ހަށިގަނޑުން މައިދާ ނެގުމަށް ކުރި އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންކުރި ބަލިމީހާގެ ޙާލު މިހާރު ރަނގަޅު ކަމަށާއި ރިކަވަރ ވަމުން އަންނަކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ.