ކުޅިވަރު

" ޓީމެއް ބިނާކޮށް، ކާމިޔާބު ހޯދަން އެހީވޭ " - ޤައުމީ ކޯޗު


ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާ ހަވާލުވީ ޓީމެއް ބިނާކުރުމާއެކު، ނަތީޖާ ނެރެންކަމަށް އާ ކޯޗު ޕީޓަރ ސެގަޓް ބުނެފިއެވެ. 

ދެ އަހަރުދުވަހުގެ އެއްބަސްވުމަކާއެކު ގައުމީ ކޯޗުކަމާ ހަވާލުވުމަށްފަހު ކޯޗު ސެގަޓް ބުނީ އޭނާ ރާއްޖެއަށް އައީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އެނގިހުރެކަމަށާއި، ފުޓްބޯޅަ އެސޯސިއޭޝަންގައި އޮތް ޒުވާން ޓީމު ފެނިފަ އޭނާ ހައިރާންވެސްވިކަމަށެވެ. ސެގާޓް ބުނީ ދެ ހަފުތާ އިން ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ކާމިޔާބީ ހޯދޭނެކަމުގެ ޔަޤީންކަން އޭނާއަށް ނުދެވޭނެ ކަމަށާއި، އޭނާއަށް އެފްއޭއެމް އާއި މީޑިއާ އާއި ދިވެހި ރައްޔިތުންނާއި ކުޅުންތެރިންގެ އެއްބާރުލުން ބޭނުންވާނެކަމަށެވެ. ޤައުމީ ޓީމާ ހަވާލުވެ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަދައްކަމުން ސެގަޓް ބުނީ ހުނަރު ހޯދާ ތައްޔާރުވެ، ފުރަތަމަ އޭނާ ބޭނުންވާ ކަންކަން އޭނާގެ ސިކުނޑީގައި ކުރަހާލަން ބޭނުންވާކަމަށެވެ. އެގޮތުން އެކަމުގެ ފެށުމަކަށް ވެގެންދާނީ ރަނގަޅު ޓީމެއް ބިނާކުރުންކަމަށް ކޯޗު ބުންޏެވެ.

"އަހަންނަށް އެކަންޏެއް މިކަމެއް ނުވާނެ. އަހަންނަށް ވަގުތު ވެސް ބޭނުންވޭ. ހުނަރުވެރިން ހޯދައި ތައްޔާރުވެ ފުރަތަމަ އެބަ ބޭނުންވާ މިކަންކަމުގެ މަންޒަރު އަހަރެންގެ ސިކުނޑީގައި ކުރަހާލަން. އަހަރެން ބޭނުންވޭ ކުރިމަގަށް ޓީމެއް ބިނާކުރަން. އެކަމަކު ނަތީޖާއަކީ ވެސް މުހިއްމު ކަމެއް. އެހެންވެ އަހަރެން އެ ދެ ކަންތަކަށް ބެލެންސެއް ގެންނާން" ކުރިން އަފްޣާނިސްތާން ގޮވައިގެން ރާއްޖެ ބަލިކުރި ކޯޗު ބުންޏެވެ.

2015 ވަނަ އަހަރު ސާފްޗެންޕިއަންޝިޕްގައި އަފްޣާނިސްތާން ގޮވައިގެން ނުކުމެ ފުރަތަމަ ފަހަރަށް ރޭއްޖެ ބަލިކުރި ކޯޗު ބުނީ ރާއްޖެއިން އޭނާއަށް ފެނުނީ ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިންކަމަށާއި، އެކަމަކު ޓެކްނިކަލީ އެކުޅުންތެރިންގެ ކިބައިގައި ހުނަރު ހުއްޓަސް ޓެކްޓިސް އަދި ފިޒިކަލީ ކުޅުންތެރިން ގައިގަ އެއްވެސް ކަމެއް ނެތްކަމަށެވެ. މި ދެކަންތައް ހާސިލްވެގެން ނޫނީ ކޮލެޓީ ހުއްޓަސް ފުޓްބޯޅައެއް ނުކުޅެވޭނެކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ. 

ކޯޗު ބުނީ އޭނާ އަށް ތިން ގައުމަކުންނާއި، ކްލަބްތަކުން އޮފާ ލިބުނު ކަމަށާއި، އެކަމަކު ރާއްޖޭން ގުޅާފައި ދެއްކި ވާހަކަތަކުން ރާއްޖެއާ މެދު ޝައުގުވެރިވި ކަމަށެވެ. ސެގަޓް ޤައުމީ ޓީމާ ހަވާލުވުމަށްފަހު ރާއްޖެ ކުޅޭ ފުރަތަމަ މެޗަކަށްވާނީ މިމަހު ފަހުކޮޅު ސިންގަޕޫރުގައި ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ.