ސައްބީސް ވަނަ އެމްބީއޭ ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ސައިކުލޯން ބާސްކެޓްބޯޅަ ކުލަބު ހޯދައިފިއެވެ.
މުބާރާތުގެ ޗެންޕިއަންކަން ސައިކުލޯން ބީސީ ހޯދީ ފައިނަލުގައި އދ.މަހިބަދޫ ޖިބިއްލީ ސްޕޯރޓްސް ކުލަބާ ވާދަކޮށް 48 ޕޮއިންޓް 36 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ފައިނަލު މެޗުގައި ލީޑް ނަގައިގެން ކުޅެމުންދިޔަ ސައިކުލޯން ބީސީ ހޯދި ޕޮއިންޓާ އަރާ ހަމަކުރުމަށް ޖިބިއްލީ ދެ ޕޮއިންޓާ ކައިރިއަށް ޖެހިލިއެވެ. ނަމަވެސް މެޗުގެ ފަހު ކުއާޓަރއާ ހަމައަށް ދިޔައިރު އައިޝަތު ނާޒިމާއާއި އައިޝަތު ޝިއުރާ ކުޅެމުންދިޔަ ޖިބިއްލީއަށް ވަނީ އައިޝަތު ރިޝްމާ ނުލާ ކުޅުނު ސައިކުލޯން މައްޗަށް ކުރި ހޯދޭގޮތް ނުވެފައެވެ.
ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކީ ސައިކުލޯން އަށް 13 ޕޮއިންޓް ހޯދައިދިން ރައިފާ އިބްރާހީމްއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީވެސް ސައިކުލޯންގެ ފަސް ކުޅުންތެރިންނެވެ. އެއީ ރައިފާ އިބްރާހިމް އާއި އައިމަނަތު އިސްރާއު އާއި ނަޝްފާ އާމިރާ އާއި ޒުލޭހާ އިބްރާހީމްގެ އިތުރުން ފާތުމަތު ޝައިލާން އަފްޒަލްއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޖިބިއްލީ ސްޕޯޓްސް ކުލަބްގެ އައިމިނަތު ޝިއުރާއެވެ.