އެމެރިކާގެ ޖައްވީ މަސައްކަތާބެހޭ މައި އިދާރާ ނާސާއިން ޖައްވަށް ފޮނުވި "އިމޭޖް" ނަމަކަށް ކިޔާ ސެޓްލައިޓެއް ގެއްލިގެން އުޅޭތާ 12 އަހަރުވެއްޖެއެވެ. 2005 ވަނަ އަހަރު މި ސެޓްލައިޓާއި ކުއްލިއަކަށް ގުޅުން ކެނޑުނު ފަހުން، އޭގެ ޚަބަރެއް ނުވެއެވެ.
ނަމަވެސް އެމެރިކާގެ ދުވަސްވީ ފަލަކީ ޢިލްމުވެރިއެއްކަމަށްވާ ސްކޮޓް ޓައިލޭ ދިރާސާތަކެއް ކުރަނިކޮށް، އާދަޔާ ޚިލާފު ކަމެއްދިމާވިއެވެ. ގޮތް ނޭނގޭ އެއްޗެއްގެ ސިގްނަލްތައް ލިބެން ފެށިއެވެ.
އެއާއެކު އޭނާ އެސިގްނަލްތަކާއި ގެއްލިގެން އުޅޭ ނާސާގެ ސެޓްލައިޓާ ދިމާވޭތޯ ބެލިއެވެ. ނަތީޖާތައް ދެއްކި ގޮތުން ސިގްނަލް ލިބެމުންދިޔައީ 12 އަހަރު ވަންދެން ޚަބަރެއް ނުވާ ސެޓްލައިޓަކުންނެވެ. އެއާއެކު އެކަމުގެ ޚަބަރުތައް ނާސާގެ ކަމާބެހޭ ފަރާތްތަކާ އޭނާ ޚިއްސާކުރިއެވެ. އަދި އެވާހަކަ ސޯޝަލް މީޑިއާގައިވެސް ފަތުރާލިއެވެ.
img:http://s4.psmnews.mv/images/660x400/15174852830618.jpg|ގެއްލުނު "އިމޭޖް" ސެޓްލައިޓް، ޖައްވަށް ފޮނުވާލުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް
ނާސާއަށް މިޙަބަރު ލިބުމާއެކު، އެމީހުންވެސް އެކަން ބެލިއެވެ. އަދި އެއީ 12 އަހަރު ވަންދެން ގެއްލިފައި އޮތް ސެޓްލައިޓްކަން ނާސާއިންވެސް ކަށަވަރުކޮށްދިނެވެ. އަދި ސެޓްލައިޓްގެ މައި ކޮންޓްރޯލް ސިސްޓަމް ބަރާބަރަށް މަސައްކަތްކުރާކަމަށްވެސް ނާސާއިން ބުންޏެވެ.
2000 ވަނަ އަހަރުގެ މާޗުމަހުގެ 25 ވަނަ ދުވަހު ޖައްވަށް ފޮނުވާލި "އިމޭޖް" ސެޓްލައިޓަކީ ދުނިޔެ ވަށައިގެން އޮންނަ މެގްނެޓިކް ފަށަލައާބެހޭ ދިރާސާތަކެއް ކުރުމަށް ފޮނުވާލި ސެޓްލައިޓެކެވެ. 2005 ވަނަ އަހަރު ޑިސެމްބަރުމަހު ސެޓްލައިޓާ ގުޅުން ކެނޑުނުއިރު މަސައްކަތް އޮތީ އެއްކޮށް ފުރިހަމަކޮށްފައެވެ. ސެޓްލައިޓާއި ގުޅުން ކެނޑުނު ނަމަވެސް، އޭގެ ކޮންޓްރޯލް އަނެއްކާވެސް ހޯދުމަށް ނާސާއިން މަސައްކަތްކުރިއެވެ. ނަމަވެސް ސެޓްލައިޓަށް ކަރަންޓް ފޯރުކޮށްދޭ ބަޔަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ނިންމާ، ނާސާއިން އޭރު ނިންމީ ސެޓްލައިޓާ ގުޅޭ މަސައްކަތެއް ނުކޮށް، އެމިޝަން ނިންމާލާށެވެ.
ނަމަވެސް އަލުން ސެޓްލައިޓާއި ގުޅޭތޯ ބެލުމަށް އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ނާސާއިން ދަނީ މަސައްކަތްކުރަމުންނެވެ.