ކުޅިވަރު

މެޗު ފެށީ ޕްރެޝަރުގައި، އިތުބާރު ހޯދައިދިނީ ޒުވާން ކީޕަރު!


އޭއެފްސީކަޕް ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ބަނގްލަދޭޝްއާއި ދެކޮޅަށް ނިކުއިންއިރު އޮތް އެންމެ ބޮޑު އެއް ޕްރެޝަރަކީ ޒުވާން ކީޕަރަކާއެކު މެޗަށް ނިކުތުންކަމަށާއި، ނަމަވެސް އެޕްރެޝަރ ކަނޑުވާލާ އިތުބާރު ހޯދައިދިނީވެސް ޒުވާން ކީޕަރުކަމަށް ޓީސީ ބައްޓަން ކުރާ މުޙައްމަދު ނިޒާމް ބުނެފިއެވެ. 

ދެލެގުގެ އެގްރިގޭޓަށް ބަލާ 4-1 ން ބަނގްލަދޭޝްގެ ސައިފް ސްޕޯރޓްސް ކްލަބްގެ މައްޗަށް ކުރި ހޯދާ، ޕްލޭއޯފްއިން ޓީސީއަށް ޖާގަ ހޯދައިދިނުމަށްފަހު ނިޒާމް ބުނީ ކުޅުންތެރިންނަށް ހިތްވަރު ލިބި ކުރިއަށް ޖެހެން ފުރުޞަތު ލިބުނީ ޒުވާން ކީޕަރު އިބްރާހީމް ނަދީމްގެ ސޭވްތަކުގެ ސަބަބުންކަމަށެވެ.

ޕްލޭއޯފްގައި ޓީސީ ވާދަކުރަން ޖެހޭނީ އިންޑިޔާގެ ވަރުގަދަ ބެންގަލޫރު އެފްސީއާއެވެ. ނިޒާމް ބުނީ ސައިފް އަތުން ހޯދުނު މޮޅަކީ ޕްލޭއޯފްގައި ބެންގަލޫރު އެފްސީއާއި ވާދަކުރަން ނިކުންނައިރު ޓީމަށް ލިބުނު އިތުރު ހިތްވަރެއްކަމަށެވެ. މާލޭގައި ކުޅުނު ދެވަނަ ލެގުގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ނިޒާމް ބުނީ ބަނގްލަދޭޝްގައި ސައިފް އެކެއް ސުމަކުން ބަލިކުރެވުމުން، މާލޭގައި ކުޅޭ މެޗުން މޮޅެވެވޭނެ ކަމުގެ ޔަޤީންކަން ކުރިންވެސް އޮތްކަމަށެވެ. މާލޭގައި ތިނެއް އެކަކުން ސައިފް ބަލިކުރެވުނީ ޓީމްގެ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަމަށާއި، ޓީމެއްގެ ގޮތުގައި ކުޅުމުން އެކަމުގެ ފައިދާ މެޗުގައި ވަރަށް ބޮޑަށް ފެނުނުކަމަށެވެ. 

ތިނެއް އެކަކުން ސައިފް ބަލިކުރެވުމުން، އެއީ ޓީސީއަށް ފަސޭހަ މެޗެއްކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ނިޒާމް ބުނީ އެއީ އެއްވެސް ވަރަކަށް ފަސޭހަ މެޗެއް ނޫންކަމަށެވެ. 

"މެޗު އެއްވެސް ވަރަކަށް ފަސޭހައެއް ނޫން. މެޗު ރަނގަޅަށް ބެލި މީހުންނަށް ވަރަށް ރަނގަޅަށް އެކަން އެނގިގެންދާނެ. ވަރަށް ޒުވާން ކީޕަރެއް ލައިގެން މެޗު ފަށަން ޖެހުމުން، އެޓޭކިންގއަށް ވުރެ ބޮޑަށް ޑިފެންސަށް ވިސްނަން މަޖުބޫރުވި. ކުޅުންތެރިންވެސް ޑިފެންސަށް ވަރަށް ބޮޑަށް ސަމާލުކަން ދިން. ނަމަވެސް ކީޕަރުގެ މޮޅު ސޭވްތަކުން ކުޅުންތެރިންނަށް އިތުބާރު ލިބި، ގޯލު ޖެހުމަށް ކުރަމުންދިޔަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ." ނިޒާމް ބުންޏެވެ.

ޕްލޭ އޯފްގެ ފުރަތަމަ މެޗު މާލޭގައި ކުޅޭނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގުގައި އިންޑިޔާގައި ދެޓީމް ވާދަކުރާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.