މިއަހަރުގެ ސީޒަންގައި މާޒިޔާ ކުޅޭ ފުރަތަމަ ހަތަރު ވަރަކަށް މެޗުވެސް ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ގެއްލޭނެކަމަށް މާޒިޔާއިން ބުނެފިއެވެ.
މިދިޔަ ސީޒަންގެ މެދުތެރެއިން އަނިޔާވި ފޯވާޑް މިހާރު އަންނަނީ މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ނަމަވެސް ފުލް ތަމްރީނުތަކުގައި އަދި ބައިވެރިއެއް ނުވެވެއެވެ. އަސަދުﷲއަށް އަނިޔާވީ އޮގަސްޓް ނަވާރަ ވަނަ ދުވަހު މާލޭ ލީގުގައި މިލަންދޫއާ ވާދަކުރި މެޗުގައެވެ. އަސަދުﷲގެ މެނިސްކަސް އާއި ލިގަމެންޓްގެ ސާޖަރީ ހެދީ އިންޑިއާގެ ކޮއިމްބަތޫރުގެ އޯރުތޯ-ވަން އޮރުތޮޕެޑިކް ސްޕެޝިއަލްޓީ ސެންޓަރުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
އަސަދުﷲ ވަނީ މާޒިޔާގައި މަޑުކުރުމަށް ނިންމާ މީގެ ތިން ދުވަސް ކުރިން އެއްބަސްވުން އާކޮށްފައެވެ. މާޒިޔާގެ ކޯޗު އިސްމާޢީލް މަހުފޫޒު ބުނީ އަސަދުﷲއަށް ލިބިފައިވާ އަނިޔާއަށް އަދިވެސް ފަރުވާ ކުރަމުންދާކަމަށާއި، ޓީމްގެ ފުލް ތަމްރީނުތަކުގައި ބައިވެރިވެވޭނީ އަދި ދެމަހެއްހާ ދުވަސް ފަހުންކަމަށެވެ. މިވަގުތު އޭނާ ފަރިތަކުރަނީ ޓީމާ ވަކިންނެވެ.
މާޒިޔާއިން ވަނީ ކުރިއަށް އޮތް ސީޒަނަށް ކްލަބް ވަރުގަދަ ކުރަން ޓީސީ ސްޕޯރޓްސް ކްލަބުގެ އެޓޭކިންގ މިޑްފީލްޑަރ ނާއިޒް ހަސަންއާއި ގްރީން ސްޓްރީޓްސްގެ އަހުމަދު ހަސަން އާއި އަހުމަދު ނިޒާމް އަދި ވެލެންސިއާގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު ގެންގޮސްފައެވެ. މީގެއިތުރުން ނިއު ރޭޑިއަންޓަށް ކުޅުނު ފާރޫޤު އިސްމާއިލް އާއި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ތ. ތިމަރަފުށީ ޓީމަށް ކުޅުނު އާދަމް ނާސިހުވެސް ވަނީ މާޒިޔާއަށް ގެންގޮސްފައެވެ. މާޒިޔާ ދޫކޮށްދިޔަ އެންމެ މުހިންމު ކުޅުންތެރިއަކީ ނިއުރޭޑިއަންޓަށް ބަދަލުވި މުހައްމަދު އުމެއިރުއެވެ.