ޚަބަރު

ދަރިވަރުންގެ ތިމާވެށީގެ ދެވަނަ ޤައުމީ މަހާސިންތާ އޭޕްރިލް މަހު


ދަރިވަރުންގެ ތިމާވެށީގެ ދެވަނަ ޤައުމީ މަހާސިންތާ އަންނަ އޭޕްރިލްމަަހު ބާއްވާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި މަހާސިންތާ އޮންނާނީ އޭޕްރިލް މަހުގެ ހަތަކުން އަށަކަށް ދަރުބާރުގޭގައެވެ. މިމަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލަކަށްވެސް ހުޅުވާލާފައިވާކަމަށް މިނިސްޓްރިން ބުނެއެވެ. 

ދަރިވަރުންގެ ޤައުމީ ތިމާވެށީގެ މަހާސިންތާއަކީ ސްކޫލް ދަރިވަރުން ތިމާވެށީގެ މައްސަލަތަކުގެ ހައްލު ހޯދުމާއި ފިކުރު މުއްސަނދިކޮށް ދަރިވަރުން ބާރުވެރި ކުރުމަށް ކޮންމެ ދެ އަހަރަކުން އެއް އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން ބާއްވަމުން އަންނަ މަހާސިންތާއެކެވެ. އަދި މި މާހާސިންތާގައި ތެރެއިން ސްކޫލްތަކުގައި ތިމާވެއްޓާ ބެހޭ އެކިއެކި ހަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތާ ސްކޫލްތަކުގެ ތިމާވެށި ކްލަބްތަކުގެ މަސައްކަތް ހަރުދާނާ ކުރެވޭނެ ގޮތްތައް ކަނޑައަޅާނެކަމަށެވެ.

މި މަހާސިންތާގެ އިވެންޓް މެނޭޖަރެއްގެ ދައުރު އަދާކޮށް ދޭނެ ބަޔަކު ހޯދުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. އެ މިނިސްޓްރީން ބުނީ އެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަދުވަހުގެ ކުރިން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.



ދެެހާސް ސޯޅަވަނަ އަހަރު ބޭއްވި ދަރިވަރުންގެ ތިމާވެށީގެ ފުރަތަމަ ޤައުމީ މަހާސިންތާގައި ދުއިސައްތަ ފަސް ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި މާލޭ ސަތާރަ ސްކޫލަކާއި އަތޮޅުތަކުން ސައްވިސް ސްކޫލަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ.