ކުޅިވަރު

ބެލަރޫސްގެ ކީޕަރު ޓީސީއާ ގުޅިއްޖެ


ބެލަރޫސްގެ ކީޕަރު ޑިމީޓްރީ އަސްނިން ޓީސީއާ ގުޅިއްޖެއެވެ.

 އޭނާ ވަނީ އިއްޔެ ޓީސީގެ ފަރިތަކުންތަކުގައި ބައިވެރިވާން ފަށާފައެވެ. ކީޕަރުގެ އިތުރުން މިދިޔަ އަހަރުވެސް ޓީސީއަށް ކުޅުނު މިޞްރު ޑިފެންޑަރު އަލް މަގުރަބީވެސް ވަނީ ޗުއްޓީއަށްފަހު މާލެ އައިސް އިއްޔެ ޕްރެކްޓިސްއަށް ނިކުމެފައެވެ. ޓީސީއާއި އަލަށް ގުޅުނު ބެލަރޫސްގެ ކީޕަރަކީ 33 އަހަރުގެ ކީޕަރެކެވެ. ބެލަރޫސްގެ ޕްރިމިއަރ ލީގުގެ ޑައިނަމޯ ބިރެސްޓާއި ނަފްތާން އަދި ގޮމެލްއަށް ވެސް ކުޅެފައިވާ ކީޕަރު އަސްނިން ވަނީ ކްލަބު ކެރިއަރުގައި 117 މެޗު ކުޅެފައެވެ. އަސްނިން ވަނީ 2015 ވަނަ އަހަރުން ފެށިގެން ބެލަރޫސް ޕްރިމިއާ ލީގުގައި ކުޅެފައެވެ. އަދި މިދިޔަ އަހަރު އަސްނިން ވަނީ ބެލަރޫސްގެ ކަޕް ކާމިޔާބުކޮށްފައެވެ.

" އޭނާއަކީ ތަޖުރިބާ ބޮޑު ކީޕަރެއް. ދެން މިއަދު އަދި އޭނާގެ ކުޅުން މިފެންނަނީ. އެހެންވީމާ ސީދާ އެއްޗެއް ބުނާކަށް އަދި ނޭންގެ. އުއްމީދުކުރަނީ ރަނގަޅުވާނެކަމަށް " އިސްކޮޅުން ދިގު ކީޕަރާ ގުޅޭގޮތުން ކޯޗު ނިޒާމް ބުންޏެވެ.

 މިދިޔަ އަހަރުވެސް ޓީސީއަށް ކުޅުނު ޑިފެންޑަރ އަލް މަގުރަބީއަކީ މިދިޔަ ސީޒަންގައި ރާއްޖޭގައި ކުޅުނު ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު އެއް ކުޅުންތެރިޔާއެވެ. ޓީސީއަށް މިދިޔަ ސީޒަންގައި ކުޅުނު ބިދޭސީ ކުޅުންތެރިންގެ ތެރެއިން މިއަހަރު އެކްލަބުން ފުރުޞަތު ދިން ހަމައެކަނި ކުޅުންތެރިއަކީވެސް އޭނާއެވެ.

img:http://s2.psmnews.mv/images/660x400/15161092043739.jpg|މިދިޔަ އަހަރުވެސް ޓީސީއަށް ކުޅުނު ޑިފެންޑަރ މިއަދު ޕްރެކްޓިސްގައި: ފޮޓޯ-ޕީއެސްއެމް

ބިދޭސީ އިތުރު ދެ ކުޅުންތެރިންވެސް ޓީސީއާ ގުޅޭނެއެވެ. އެއީ ކިރިގިސްތާންގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ މިޑްފީލްޑަރ އެނަޓޯލީ ވްލާސިޗޭވް އާއި ނައިޖީރިއާ ފޯވާޑެއްކަމަށްވާ ޕީޓާ ކޮލަވޯލޭއެވެ. ކިރިގިސްތާންގެ މިޑްފީލްޑަރ އެނަޓޯލީ ވްލާސިޗޭވް ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖްކަޕްގައި ކިރިގިސްތާން ޓީމަށް ކުޅެފައެވެ. 

ވްލާސިޗޭވް އެންމެ ފަހުން ކުޅެފައިވަނީ ކަޒަކިސްތާން ފުރަތަމަ ޑިވިޝަންގެ ކުލަބެއްކަމަށްވާ މަހްތާރަލްއަށެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ޕްމިލިނަރީ ކޮލިފިކޭޝަންގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ޓީސީން ވަނީ ސްކޮޑް ވަރުގަދަ ކުރުމަށް ށ.މިލަންދޫއަށް ކުޅުނު އިޝާން އިބްރާހީމް (ސައްޓު) އާއި އއ.މާޅޮހަށް ކުޅުނު އަހުމަދު އާރިފް އެޓީމްއަށް ގެނެސްފައެވެ. ޓީސީ ދޫކޮށް ދިޔަ އެންމެ މުހިންމު ކުޅުންތެރިއަކީ ހަލުވި ފޯވާޑް ނާއިޒު ހަސަންއެވެ.