ޚަބަރު

މާރިޗު 6 ވަނަ ދުވަހަކީ ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް


މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ހަމަޖައްސަވައިފިއެވެ.

މި ދުވަހަކީ، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި، 2017 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު [ތަރިކަ] މަޝްރޫޢު އިފްތިތާޙު ކުރެއްވި ދުވަހެވެ. މި ދުވަސް ފާހަގަ ކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، އެ މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް ކަމުގައި ވާތީއެވެ.

މި ދުވަސް ފާހަގަ ކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި [ތަރިކަ] ކޮމިޓީ ގުޅިވަޑައިގެން ކަމަށް ކަނޑައަޅުއްވައި، މިކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.