ޚަބަރު

"ބޭރުގެ ކުޅުންތެރިން އައުމަކީ ފަތުރުވެރިކަމަށް ލިބޭ ކުރިއެރުމެއް"


ޔޫރަޕްގެ މޮޅެތި ކުޅުންތެރިން ރާއްޖެ އައުމުން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް އިސްތިހާރުވެގެންދާކަމަށް ޓޫރިޒަމް މިނިސްޓާރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ރެޑް ކާޕެޓްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓާރ މޫސާ ޒަމީރު ވިދާޅުވީ ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވި ކިއެއެކި ފުޓްބޯޅަ އިވެޓްތަކަށް ޔޫރަޕްގެ ފުޓްބޯޅަ ލެޖެންޑުން ގެނެސްފައިވާއިރު، ޓޫރިޒަމް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް މިއީ ލިބެގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. މޯލްޑިވްސް ފުޓްބޯލް އެވޯޑަށް ބާސެލޯނާގެ ލެޖެޑް ކާލޯސް ޕުޔޯލް ގެނެސްފައިވާއިރު، މިހާރު ނ.އަތޮޅުގައި ކުރިއަށްދާ ޝިޔާމް މަޢުރޫފް ސޮކާރކަޕަށް ޗެލްސީގެ ލެޖެޑް ޑިޑިއޭ ޑޮގްބާވަނީ ރާއްޖެ ގެނެސްފައެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ ޔޫރަފްގެ މޮޅެތި ކުޅުންތެރިން ރާއްޖެ އައްނައިރު، އެކުޅުންތެރިން ފޮލޯ ކުރާ މީހުންވެސް ވަރަށް ގިނަވާނެކަމަށާއި އެކަމުގެ ސަބަބުންވެސް ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް އިސްތިހާރުވެގެންދާނެކަމަށެވެ. އަދި އެކުޅުންތެރިންގެ ރާއްޖޭގައި ނަގާ ފޮޓޯތަކާއި ކުރާ ކޮމެޓްތަކުގެ ސަބަބުންވެސް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކުރަމުންދާ މައްސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. ރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޔޫރަޕްގެ މޮޅެތި ކުޅުންތެރިން،ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށާއި ވެލާނާ އިންޓާރނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ މަސައްކަތް ނިމި، އާ ރަންވޭ ހުޅުވުމުން، ރާއްޖެއަށް އަންނަ ޓުއަރިސްޓުން އިތުރުވެ، މިފަދަ ކުޅުންތެރިންވެސް ގެނެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ މުސާ ޒަމީރު ވިދާޅުވިއެވެ.

"އެއާޕޯޓް ބޮޑު ކުރުމަށް ސަރުކާރުން ފަށާއިވާ މަސައްކަތް ނިމުމުން، މިފަދަ ކިތަންމެ ކުޅުންތެރިންނެއް ރާއްޖެ ގެނެވޭނެ. އަޅުގަނޑުމެންގެ އެވިސްނުން އެބަހުރި. މިހާރު ރާއްޖެ ގާތްގަނޑަކަށް މިގެނެވެނީ އެންމެ ގިނައިން ރާއްޖެއަށް ގެނެވޭ ފަތުރުވެރިން. މިހާރުވެސް 1.3 މިލިއަންއަށް ގޮސްފި ރާއްޖޭގެ އެރައިވަލްސް. އެއާޕޯޓް ބޮޑު ކުރުމުގެ މަޝްޢޫއު ނިމި، އެއާޕޯޓް ހުޅުވުމުން، ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް މިފަދަ ކުޅުންތެރިން ގެނެއުމުގެ ވިސްނުން އެބަހުރި" މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ރޭ ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ޝަރަވްފެރި މެހެމާނަކީވެސް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

ބޭރުގެ މޮޅު ކުޅުންތެރިންގެ ތެރެއިން ޕްޔޯލް އާއި ޑިޑިއޭ ޑްރޮގްބާ ރާއްޖެ ގެނެސްފައިވާއިރު ކުރީގެ ފްރާސްގެ ޑިފެންޑަރ މާސެލް ޑެސާއީވެސްވަނީ އުރީދޫ ދިވެހި ޕްރިމިއާރ ލީގްގެ ފެށުމުގެ ރަސްމިއްޔާތަށް ރާއްޖެ ގެނެސްފައެވެ. އަދި ކުރީގެ ބާސެލޯނާގެ ކެޕްޓަން ޒަވީ އާއި ކުރީގެ އާޖެންޓީނާގެ ޑިފެންޓާރ ރޮނާޓޯ އަޔާލާވެސް ވަނީ މީގެ ކުރިން ރާއްޖެ ގެނެސްފައެވެ.