ވާދަވެރި ދިވެހި ސިފައިންގެ ކުލަބްގެ މައްޗަށް ކުރި ހޯދައި ޤައުމީ ވޮލީ ލީގު ތާވަލްގެ ކުރީގައި ދެ ޕޮއިންޓްގެ ލީޑެއް މޯލްޑިވިއަނުން ނަގައިފިއެވެ.
ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމްއަކަށްވެސް ދެން ބާކީ އެއް މެޗު އޮތްއިރު ލީގުގައި ރޭ ވާދަކުރީ މޯލްޑިވިއަން އަދި ދިވެހި ސިފައިންގެ ކުލަބެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗު މޯލްޑިވިއަން ކާމިޔާބުކުރީ ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ސެޓްތަށް މޯލްޑިވިއަން ގެންދިޔައީ ފަންސަވީސް ފަނަރަ، އަށަރަ ފަންސަވީ، ބާވީސް ފަންސަވީސް ވިހި ފަންސަވީސް އަދި ފަނަރަ އެގާރައިންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ ހުސެއިން ވިޝާމެވެ.
މިހާތަނަށް ލީގުގައި މޯލްޑިވިއަން ކުޅުނު ތިން މެޗްވެސް އެޓީމްވަނީ ކާމިޔާބުކޮށްފައެވެ.
މެޗަށްފަހު މޯލްޑިވިއަންގެ އެސިސްޓަންޓް ކޯޗް އިބްރާހީމް ޝިޔާމް ބުނީ މެޗުން މޮޅުގެ ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭކަމަށެވެ. މެޗުން މޮޅުވިއަސް މޯލްޑިވިއަންއަށް މިއަށް ވުރެ ރަގަނޅަށް ކުޅެވޭނެކަމަށް ޝިޔާމް ބުންޏެވެ. ޝިޔާމް ބުނީ މެޗުން މޮޅުވުމުގައި ޓީމްގައި ތިބި ބިދޭސީ ދެ ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑުކަމަށެވެ.
"އަސްލު މިއަށް ވުރެއް މޮޅަށް ކުޅެވޭނެ. މިއީ އަދި މޯލްޑިވިއަންގެ ފެންވެއް ނޫން. ބިދޭސީ ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑު މިމެޗުން މޮޅުވުމުގައި. އަހަރެން ގަބޫލް ކުރަނީ މިލީގްގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން މިހާރު މޯލްޑިވިއަންގައި މިތިބި ބިދޭސީ ދެ ކުޅުންތެރިންނަކީ މިލީގްގައި ކުޅޭ އެންމެ މޮޅު ދެ ކުޅުންތެރިން. އަދި ރޭގައި ހާއްސަކޮށް ވިޝާމް އާއި ސާޖިދްގެ ކުޅުން ފާހަގަކޮށްލެވޭ. ޓީމް ވަރަށް ވަރުބަލިކޮށް ފެންނަނީ، އެހެން ނޫންނަމަ ފަސް ސެޓްއަށް ނުގޮސް މެޗުން މޮޅުވެވުނީސް" ޝިޔާމް ބުންޏެވެ.
img:http://s3.psmnews.mv/images/660x400/15126303717421.jpg|ސިފައިންނާއި މޯލްޑިވިއަން ވާދަކުރި މެޗުގައި މޯލްޑިވިއަންގެ ސާޖިދު ބާރު ހަމަލާއެއް ފޮނުވާލަނީ / ފޮޓޯ : އަޙުމަދު އަހުސަން (ރެޑްބުލް)
ދިވެހި ސިފައިންގެ ކުލަބް ކޯޗް މުމްތާޒް އަލީ ބުނީ މެޗުން ބަލިވި ކަމުގައި ވިޔަސް ޓީމްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށާއި، މެޗުން ބަލިވީ ފަހު ސެޓްގައި ހެދުނު ގޯސްތަކުގެ ސަބަބުންކަމަށެވެ.
"ޓީމް ވަރަށް މޮޅަށް ކުޅުނު، ނަމަވެސް ބައެއް ކަހަލަ އަމިއްލަ މިސްޓޭކްތަށް ކުޅުންތެރިންނަށް ހެދުނީ. ހާއްސަކޮށް ފާހަގަކޮށްލެވޭ ސެޓަރަށް ބައެއް ފަހަރު ނިންމުންތައް ގޯހީ. ބައެއް ފަހަރު ނުބައިތަނަށް ހިއްލޭ ތަން އަންނަނީ. މިލީގްގައި މިވަގުތު އޮތީ ދެ ޓީމް ވާދަވެރި. އެއީ މޯލްޑިވިއަންއާއި ސިފައިން. ދެވަނަ ބުރުގައިވެސް އަދި މޯލްޑިވިއަންއާއި ވާދަކުރަން ޖެހޭނެ. އެމެޗް ރަގަނޅު ވާނެކަމަށް މިބަލަނީ. އަދި ސީލައިފްއިން ކުޅުން ރަގަނޅުކޮށް މޯލްޑިވިއަން ބަލިކޮށްފިނަމަ، އެއީ ސިފައިންނަށް ވަރަށް ބޮޑު ފައިދާއަކަށް ވާނެކަމެއް." މުމްތާޒު ބުންޏެވެ.
ޤައުމީ ވޮލީ ލީގުގެ ތާވަލްގެ އެއްވަނައިގައި މޯލްޑިވިއަން އޮތީ އަށް ޕޮއިންޓާއިއެކުގައެވެ. ދެވަނާގައިވާ ދިވެހި ސިފައިންގެ ކުލަބް ހަ ޕޮއިންޓާއިއެކު އޮތްއިރު، ތިންވަނައިގައި ޕޮލިސް އޮތީ ތިން ޕޮއިންޓާއިއެކުގައެވެ. ލީގުގައި ދެން ވާދަކުރާ ދެ ކުލަބުކަމަށްވާ ސީލައިފް އަދި މާޒިޔާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.