ކުޅިވަރު

ޤައުމީ ވޮލީ ލީގުގައި ސިފައިން ދެ މެޗުވެސް ކާމިޔާބުކޮށްފި


ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކުލަބް ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފިއެވެ. 

ސިފައިންގެ ކުލަބް އެޓީމް ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ވާދަކޮށް ސިދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ދިވެހި ސިފައިންގެ ކުލަބް ގެންދިޔައީ 25-15، 26-28 އަދި 25-22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދިވެހި ސިފައިންގެ ކުލަބްގެ ސެޓަރު ހުސެއިން ޝާހިދުއެވެ. ޒުވާން ކުޅުންތެރިންތަކަކާއެކު ވާދަކުރަމުން އަންނަ މާޒިޔާ ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.

މެޗަށްފަހު ދިވެހި ސިފައިންގެ ކުލަބްގެ ކޯޗް މުންތާޒް އަލީ ބުނީ މެޗުން މޮޅުވެ، ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭކަމަށާއި، މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދުވެސް ހިތްހަމަޖެހޭކަމަށެވެ.

"މެޗުގެ ފުރަތަމަ ސެޓް ތަފާތު ބޮޑުކޮށް ދިއުމުން، ކުޅުންތެރިން ދެވަނަ ސެޓާއި ތިންވަނަ ސެޓް ފަސޭހަކޮށްލީ. ފަސޭހަކޮށްލީމަ އަސްލު ފަހުން އެހާ އެއްވަރުކޮށް ދިޔައީ. ފަހުން އަލުން ފޯމަކަށް އެޅެން ވަގުތު ނެތި. ފުރަތަމަ ބުރުގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރުމަކީ ވަރަށް މުހިންމުކަމެއް. ބޭނުމަކީ ހުރިހާ ޓީމެއް ބަލިކޮށްފަ ދެވަނަ ބުރަށް ދާން. ފުރަތަމަ ބުރުގެ އެންމެ ފަހު މެޗުގައި މޯލްޑިވިއަންއާއި ދެކޮޅަށްވެސް ނިކުންނާނީ ސީދާ ތިން ޕޮއިންޓަށް."

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗް އަލީ އަޝްރަފް ބުނީ ދިވެހި ސިފައިންގެ ކުލަބްގައި ތިބި ކުޅުންތެރިންނާ ބަލާއިރު މެޗުގައި މާޒިޔާގެ ކުޅުންތެރިން ކުރި މަސައްކަތާއި މެދު ހިތްހަމަޖެހޭކަމަށެވެ. އަދި މެޗުގެ ފަހު ދެ ސެޓްގައި މާޒިޔާގެ ކުޅުންތެރިން ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭކަމަށް އަޝްރަފް ބުންޏެވެ.

" ދިވެހި ސިފައިންގެ ކުލަބާއި އަޅާބަލާއިރު، މާޒިޔާއަކީ އަދި ވަރަށް ޅަ ޓީމެއް. މެޗުގައި ބައެއް ކުޅުންތެރިންގެ ފަރާތުން ބައެއް މުހިންމު ވަގުތުގައި ޕޮއިންޓް ގެއްލުމުން އަސްލުގައި ދެވަނަ ސެޓާއި ތިންވަނަ ސެޓް ގެއްލުނީ. މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ކުރިއަށް އޮތް ސީލައިފް މެޗާއި މޯލްޑިވިއަން މެޗް ކާމިޔާބުކުރުމަކީ ވަރަށް އުނދަގޫކަމެއް. ނަމަވެސް މާޒިޔާއިން އެންމެ ފަހު ވަގުތާ ހަމައަށްވެސް ދޫކުރާ ގޮތަކަށް ނޫން މިތިބީކީ."

ދިވެހި ސިފައިންގެ ކުލަބަށް ދެ މެޗުން ވަނީ ފަސް ޕޮއިންޓް ލިބިފައެވެ. މާޒިޔާއަށް ދެ މެޗުން އަދި ޕޮއިންޓެއް ނުލިބެއެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ބައިގެ މެޗެކެވެ. ވާދަކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ޕޮލިސް ކުލަބެވެ. އަދި މިރޭ ކުޅޭ ފިރިހެންބައިގެ މެޗުގައި ވާދަކުރާނީ ސީލައިފް އާއި މޯލްޑިވިއަންއެވެ.