ރާއްޖޭގެ އެކި އުމުރުފުރާތަކުގެ ޓީމްތަކަށް ގިނަ މުބާރާތްތަކެއް ކުޅެން ފުރުސަތު ލިބިއްޖެނަމަ ތަފާތު ދައްކާނެކަން އެކުޅުންތެރިން ދައްކައިދީފިކަމަށް ކޯޗު ހީނާ އަހުމަދު ސަލީމް ބުނެފިއެވެ.
14 އަހަރުން ދަށުގެ މައިލޯ އިންވިޓޭޝަނަލް ކަޕް ފުޓްބޯޅަ މުބާރާތް ހީނާގެ އެކަޑަމީ އާލީޓަޗް ފުޓްބޯޅަ އެކަޑަމީން ކާމިޔާބުކުރުމުން އޭނާ ބުނީ މިއީ އޭނާއާއި އޭނާގެ ޓީމުން ކުރަމުން އައި މަސައްކަތް ވަޒަންކޮށްލަން ލިބުނު ފުރުޞަތެއްކަމަށެވެ. ވޭތުވެދިޔަ 12 އަހަރު ކުޑަކުދިން ތަމްރީން ކުރުމަށް އަމިއްލަ އެކަޑަމީގައި މަސައްކަތް ކުރަމުން އައި ހީނާ ބުނީ މީލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.
އެންމެ ބޮޑަށް ހިތްހަމަޖެހުނީ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުވުމުން ކަމަށާއި، ދަނޑުގެ ހާލަތާއެކުވެސް ކުޅުންތެރިންގެ ފަރާތުން ފެނުނުކުޅުމާ މެދު ހިތްހަމަޖެހޭކަމަށެވެ. ހިނާ ބުނީ މިކަހަލަ މުބާރާތްތަކަކީ ކުދިންނަށް ލިބޭނެ އިތުރު ފުރުސަތެއް ކަމަށާއި، މިފަދަ މުބާރާތްތައް އިތުރުވެއްޖެނަމަ ތަފާތު ފެންނާނެކަމަށެވެ.
" ޓީމު ގާތްގަނޑަކަށް ނުވަދިހަ ޕަސެންޓަކީ އަށް އަހަރު އެއްކޮށް ތަމްރީން ހަދާފަތިބި ކުޅުންތެރިން. މިކުޅުންތެރިންގެ ފިޓްނަސް މިކަހަލަ ކޮންޑިޝަނެއްގައި ފެނިގެން ދިޔާމަ ވަރަށް ހިތްހަމަޖެހިއްޖެ. ގިނަ މުބާރާތްތަކެއް މިހެން ކުޅެފިނަމަ ކޮންފިޑެންސާއެކު ކުޅޭނެ. ތަފާތު ފެންނާނެ" ކުރިން ފުރަތަމަ ޑިވިޝަންގެ ކްލަބްތަަކަށްވެސް ކާމިޔާބު ހޯދައިދިން ކޯޗު ބުންޏެވެ.
ޔޫތް ޑިވަލެޕްމެންޓް ޕްރޮގްރާމްގެ ދަށުން 1997 ވަނަ އަހަރު 14 އަހަރުން ދަށުގެ ކުދިންނަށް ތަމްރީން ދޭން ފެށި ހީނާ ބުނީ މިއީ މިކަހަލަ ގޮތަކަށް ބޭއްވުނު ފުރަތަމަ މުބާރާތް ކަމަށާއި، އެހެންކަމުން ރަނގަޅުކުރަން ޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ. މިފަދަ މުބާރާތްތައް ބޭއްވުމަކީ ފަސޭހަކަމަށް ނޫން ކަމަށާއި، މިފަދަ މުބާރާތްތައް އިތުރުވުމަކީ ކަންކަން އިތުރަށް ރަނގަޅު ކުރަން ލިބޭނެ ފުރުސަތެއް ކަމަށް އާލީ ޓަޗް ފުޓްބޯޅަ އެކަޑަމީގެ މައްސޫލުވެރިޔާ ހީނާ އަހަމަދު ސަލީމް ބުންޏެވެ.
ރާއްޖޭން ބޭރުގެ ތިން އެކަޑަމީއެއްގެ އިތުރުން ރާއްޖޭގެ ހަތް އެކަޑަމީ ވާދަކުރި މުބާރާތުގައި ހީނާ އެކަޑަމީގެ ކޯޗަކީ ހީނާގެ ކޮއްކޮ އިސްމާއިލް އާސިފް ( ކުޑަހީނާ ). މުބާރާތުގެ އެންމެ މޮޅު ކޯޗަކީވެސް އޭނާއެވެ.