ރާއްޖޭގެ 16 އަހަރުން ދަށުގެ ކުޅުންތެރިއަކު ދެ މެޗަށް ސަސްޕެންޑްކޮށް، 300 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ.
މި ކުޅުންތެރިއަކީ މިދިޔަ ސެޕްޓެމްބަރު މަހު ނިމުނު އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގައި ކުޅުނު ރާއްޖޭގެ އިސްމާއީލް މިމްރާހު މުބީންއެވެ. އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާއިން މި ކުޅުންތެރިޔާ ސަސްޕެންޑް ކުރީ ތަޖިކިސްތާން އަތުން ރާއްޖެ 14-0 ން ބަލިވި މެޗުގައި ބޯޅަ ނެތީސް ތަޖިކިސްތާނުގެ ކުޅުންތެރިއެއްގެ ކަކުލުގައި ގަސްތުގައި ޖަހައި، ކުޅުންތެރިޔާ ކޮށްޕާލާފައިވާތީވެއެވެ. މިހާދިސާގެ ސަބަބުން މި މެޗުގެ 66 ވަނަ މިނިޓްގައި މިމްރާހަށް ރަތްކާޑު ދައްކާފައިވާއިރު އޭއެފްސީން ކުޅުންތެރިޔާ އާއި އެފްއޭއެމަށް އަންގާފައިވަނީ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކާ، ކުޅުންތެރިޔާ އަށް ނަސޭހަތްތެރިވުމަށެވެ.
އޭއެފްސީގެ މި ސަސްޕެންޝަށް ފަހު 16 އަހަރުން ދަށުގެ ޓީމު ސީރިޔާ ދެކޮޅަށް ކުޅެފައިވާތީވެ މިމްރާހުގެ ދެ މެޗުގެ ސަސްޕެންޝަން ހަމަވާން ބާކީ އަދި އެއް މެޗު އެބައޮތެވެ.