ކުޅިވަރު

ސާންތިގެ އަމާޒު - ލަންކާއާއި ބަނގްލަދޭޝް ބަލިކުރުން


އޭއެފްސީ ނަވާރަ އަހަރުން ދަށުގެ ޗެންޕިއަންޝިޕް ކޮލިފިކޭޝަންގައި ސްރީލަންކާއާއި ބަނގްލަދޭޝް ބަލިކުރުމަކީ މިފަހަރުގެ އަމާޒުކަމަށް ކޯޗު އިހުސާން އަބްދުލް ޣަނީ ބުނެފިއެވެ. 

ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި މާދަމާ ރާއްޖެ ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ. މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ ރާއްޖެ ލައްވާލާފައިވާ ގުރޫޕް ބީގައި ހިމެނޭ ޓީމްތަކުގެ ތެރެއިން ސްރީލަންކާއާއި ބަނގްލަދޭޝްއަކީ ރާއްޖެއަށް ބަލިކުރެވޭ ވަރުގެ ޓީމްތަކެއްކަމަށެވެ. އަދި ތަޖަކިސްތާނާއި އުޒްބަކިސްތާނަކީ ރާއްޖެއަށް ވާދަކުރެވޭ ވަރަށް ވުރެ ލެވެލްގެ ގޮތުން މާމޮޅު ޓީމްތަކެއްކަމަށް ސާންތި ބުންޏެވެ. ނިމިގެންދިޔަ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެ ލަންކާ އަތުން ބަލިވިޔަސް، މިފަހަރު ރާއްޖޭގެ ޓީމް ތަފާތުވާނެކަމަށް ސާންތި ބުންޏެވެ. ހާއްސަކޮށް ކުޅުންތެރިންގެ ތަޖުރިބާއާއި މެދު ކެނޑުމެއްނެތި ކުރަމުންދިޔަ ފަރިތަކުރުންތަކުގެ ފައިދާ ރާއްޖެއަށް ނެގޭނެކަމަށް ސާންތި ޤަބޫލުކުރެއެވެ.

" ސާފް ޗެމްޕިއަންޝިޕަށްފަހު މެދުނުކެނޑި މިއައީ ފަރިތަކުރަމުން. އެމުބާރާތުގެ ތަޖުރިބާއާއެކު އޭގެ ތަފާތު ފެންނާނެކަމަށް ޤަބޫލުކުރަނީ " ސާންތި ބުންޏެވެ.

ނުވަދިހައިގެ އަހަރު ތަކުގައި ރާއްޖޭގެ ގިނަ ސްކޫލްތަކަށާއި ނިއު ރޭޑިއަންޓް ސްޕޯރޓްސް ކުލަބަށްވެސް ކޯޗްކޮށްދީފައިވާ ސްރީލަންކާގެ ސްމިތް ވަލަޕޮލާ ބުނީ ދިގު ދަތުރެއްކޮށްފައި އަންނަން ޖެހުމުން، ކުޅުންތެރިން މިހާރު ތިބީ ވަރަށް ވަރުބަލިވެފަކަމަށާއި، ތަޖަކިސްތާންގައި ކަންތައްތައް ހަމަޖެހިފައިވާ ގޮތާއިމެދުވެސް އެހާ ހިތްހަމަނުޖެހޭކަމަށެވެ. ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ ވާދަވެރިއެއްކަމަށާއި ސީނިއަރ ޓީމްތަކާއި ޖޫނިއަރ ޓީމްތައްވެސް ވަރަށް ވާދަވެރިކަމަށް ވަލަޕުލާ ބުންޏެވެ. ނިއުއާއި އެކު އެފްއޭކަޕް ކާމިޔާބުކޮށްފައިވާ ކޯޗް ބުނީ ރާއްޖެއާއި ދެކޮޅަށް ނިކުންނައިރު، ރާއްޖޭގެ ފުޓްބޯޅަ އެނގުމަކީ ސްރީލަންކާއަށް ފައިދާ ނެގިދާނެކަމެއްކަމަށެވެ.

" ރާއްޖެއަކީ އަބަދުވެސް ލަންކާގެ ވާދަވެރިއެއް. އެވާދަވެރިކަން ޖޫނިއަރ ޓީމްތަކުގެ މެދުގައިވެސް އޮންނާނެ." ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ކުރިން މަސައްކަތްކުރި ކޯޗު ބުންޏެވެ.

މާދަމާ ރާއްޖެ ފުރަތަމަ ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ. އެމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރު ދޭއްޖަހާއިރުއެވެ.