ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހަތަރު ސަތޭކަ ނުވަދިހަ ތިން މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ސަރުކާރުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަޕްލިމަންޓްރީ ބަޖެޓް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ތިރީސް ނުވަ މެންބަރުންގެ އިއްތިފާޤުންނެވެ.
މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުވާނެކަމަށް ލަފާކުރެވޭތީ އަހަރުގެ ބާކީ ދުވަސްތަކަށް ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ހުށަހެޅުއްވި 439 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓްގެ ބޮޑުބައި ސިއްޙީ ދާއިރާއިން ދެމުން ގެންދާ ޚިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ވަނީ ޚާއްޞަ ކޮށްފައެވެ. އެގޮތުން އާސަންދައަށް 300 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ސިއްޙީ ދާއިރާގެ ވަސީލަތްތައް ހޯދުމަށް 30 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ޚަރަދުތަކަށް ކަނޑައަޅާފައިވާ 26 މިލިއަން ރުފިޔާ އާއި ކާޑެއްދޫ އެއާޕޯޓް ހިނގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ބޭނުންވާ40 މިލިއަން ރުފިޔާއާއި ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫޢު ފެށުމަށް ބޭނުންވާ 47 މިލިއަން ރުފިޔާގެ އިތުރުން، އެހެނިހެން ޚަރަދުތަކަށް 50 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެއެވެ.
ބަޖެޓް ދިރާސާ ކުރި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވަމުން ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، ސަޕްލިމަންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ޚިދުމަތްތަކެއް މެދުކެނޑުނަ ނުދިނުމަށްޓަކައިކަމަށެވެ.
ބަޖެޓް ފާސްކުރުމަށް ބޭއްވި މި ޖަލްސާއަށްވެސް އިދިކޮޅު މެންބަރުން ހާޒިރުވެފައެއްނުވެއެވެ. ސަޕްލިމެންޓަރީ ބަޖެޓާއި އެކު 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ. ސަޕްލިމަންޓްރީ ބަޖެޓްގައި އާމްދަނީ އިތުރުކުރުމުގެ ގޮތުން 268 މިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއަށް ބަލައި، މިއަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވަނީ 20.8 ބިލިއަން ރުފިޔާއެވެ. އަދި ޚަރަދު ހިނގަމުންދާ މިންވަރަށް ބަލައި މިއަހަރުގެ ނިޔަލަށް ޖުމްލަ ޚަރަދުވާނެކަމަށް މިހާރު ލަފާކޮށްފައިވަނީ 22.5 ބިލިއަން ރުފިޔާއެވެ.
ސަރުކާރުން ހުށައެޅުއްވި 439 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުން
ބަޖެޓްގެ ބޮޑުބައި ކަނޑައަޅަފައިވަނީ ސިއްޙީ ދާއިރާއަށެވެ.