ކުޅިވަރު

އޮމާން ބަލިކުރެވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން - ޞޮބާ


ވަކިވަކި ކުޅުންތެރިންގެ ހުނަރު ދެއްކުމުގެ ބަދަލުގައި ޓީމެއްގެ ގޮތުގައި ކުޅެފިނަމަ ރާއްޖެއަށް އޮމާން ބަލިކުރެވޭނެކަމަށް ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރ ސޮބާޙު މުހައްމަދު ބުނެފިއެވެ. 

އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ ލެގުގައި އޮމާނާ ވާދަކުރި މެޗު އޮމާންގައި އޮމާން ކާމިޔާބުކޮށްފައިވަނީ ފަހެއް ސުމަކުންނެވެ. މިނަތީޖާއާއި ގުޅިގެން އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކިރިޔާވެސް ރާއްޖެއަށް ފުރުސަތެއް އޮތީ އަމިއްލަ ފަސް ގަނޑުގައި އޮމާން ބަލިކޮށްގެންނެވެ. މިމަމަހުގެ 10 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން ޤައުމީ ޓީމްގެ ޑިފެންޑަރ އަދި ގްރީން ސްޓްރީޓްގެ ކޯޗް ސޮބާޙު މުހައްމަދު ބުނީ ކުރީގެ ކުޅުންތެރިންނަށް ވުރެ މިހާރުގެ ކުޅުންތެރިންގެ ހުނަރު މާ މޮޅު ކަމަށާއި އަދި އަރަމުން އަންނަ ޒުވާން ކުޅުންތެރިންވެސް ހުނަރުގެ ގޮތުން މާ މޮޅުކަމަށެވެ. ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންގެ އެންމެ ބޮޑު ތަފާތަކީ، ކުރީގެ ކުޅުންތެރިން ހުނަރުގެ ގޮތުން މާމޮޅު ނުވިނަމަވެސް ޓީމެއްގެ ގޮތުގައި ކުޅެން ކުރީގެ ކުޅުންތެރިން މޮޅުވުންކަމަށް ސޮބާ ބުންޏެވެ. ކޮންމެ ގޮތަކަށް ބެލިނަމަވެސް އޮމާނަކީ ރާއްޖެއަށް ވުރެ މޮޅު ޓީމެއް ކަން ޤަބޫލް ކުރަންޖެހޭކަމަށް ސޮބާ ބުންޏެވެ. ނަމަވެސް އަމިއްލަ ފަސް ގަނޑުގައި ދިވެހިން މީގެ ކުރިން ތަފާތު ނަތީޖާތަކެއް ނެރެފައިވާކަންވެސް ސޮބާ ވަނީ ފާހަގަކޮށްފައެވެ. ވަރުގަދަ ސައުތް ކޮރެއާވެސް ރާއްޖޭގެ ޓީމުން މީގެ ކުރިން ހިފަހައްޓާފައިވާކަމަށާއި އެހެންކަމުން އޮމާންގެ މައްޗަށް ރާއްޖެއަށް ކުރި ނުހޯދެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރ ސޮބާޙު މުހައްމަދު ބުންޏެވެ.

"މިހާރުގެ ކުޅުންތެރިން ހުނަރުގެ ގޮތުން މާ މޮޅު. އޮމާން ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނިކުންނައިރު ބޭނުންވަނީ ހުނަރަށް ވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ކުޅެން. އަމިއްލަ ހުނަރު ދައްކަން މަސައްކަތްކޮށްފިނަމަ، މެޗު ކާމިޔާބު ކުރަން އުނދަގޫވާނެ. އެއީ އޮމާނަކީވެސް ދެރަ ޓީމްއެއް ނޫން. ނަމަވެސް އަމިއްލަ ފަސް ގަނޑުގައި އަމިއްލަ ސަޕޯޓަރުންގެ އެހީގައި ޓީމެއްގެ ގޮތުގައި ކުޅުން ވަރަށް މުހިންމު. އަލީ އަޝަފާގާ އެކު ހުރިހާ ކުޅުންތެރިންވެސް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން މުހިންމު." ޤައުމީ ޓީމާއެކު ރަން މެޑަލް ހޯދި ޑިފެންޑަރު ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހި ރާއްޖެއާއި އޮމާން ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހުގެ ރެއެވެ. ނުވައެއް ޖަހާއިރު ފަށާ މެޗު ޓީވީއެމްއާއި ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.