ދުނިޔެ

ސޫރިޔާ ހަނގުރާމަ - މިދިޔަމަހު އެކަނިވެސް 3000 މީހުން މަރުވި


ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ހުސްވި ސެޕްޓެމްބަރުމަހު އެކަނިވެސް 3000 މީހުން މަރުވެފައިވާ ކަމަށް ސޫރިޔާގެ ހަނގުރާމަ ގާތުން ބަލަމުންދާ، ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސުން ހާމަކޮށްފިއެވެ.

ހުސްވި ސެޕްޓެމްބަރުމަހަކީ މި އަހަރުގެ ތެރޭގައި ސޫރިޔާގެ ހަނގުރާމައިގައި އެންމެ ގިނަ މީހުން މަރުވި މަސް ކަމަށްވެސް އެޖަމާޢަތުން ވަނީ ބުނެފައެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސުން ބުނެފައިވަނީ، ސެޕްޓެމްބަރުމަހުގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން 955 މީހުންނަކީ ޢާއްމު ރައްޔިތުންކަމަށާއި މީގެ ތެރޭގައި 207 ކުޑަކުދިން ހިމެނޭކަމަށެވެ. އަދި ހުސްވިމަހު ސޫރިޔާގައި މަރުވި އާއްމުންގެ ތެރެއިން 70 އިންސައްތަ މީހުން މަރުވެފައި ވަނީ ސޫރިޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެ ގައުމުގެ އަސްކަރިއްޔާ އާއި ރަޝިޔާގެ އަސްކަރިއްޔާގެ އިތުރުން އައި.އެސްއާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ބައިނަލްއަޤްވާމީ އަސްކަރީ އިއްތިހާދުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ކަމަށްވެސް ސީރިއަން އޮބްޒަވޭޓަރީން ބުނެއެވެ.

ސީރިއަން އޮބްޒަވޭޓަރީގެ އިސްވެރިޔާ ރާމީ އަބްދުއްރަޙްމާން ވިދާޅުވީ ސެޕްޓެމްބަރުމަހު ސޫރިޔާގައި މަރުވި މީހުންގެ އަދަދު އިތުރުވެފައި މިވަނީ، ސޫރިޔާގައި އައި.އެސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ، އެ ގައުމުގައި ހުރި އައި.އެސްގެ އަމާޒުތަކަށް ދެމުންދާ ވައިގެ ހަމަލާތައް އިތުރުވުމާއެކުގައި ކަމަށެވެ. އަދި މީގެ އިތުރުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އެންމެ ބޮޑު ސަރަހައްދުކަމަށްވާ އިދްލީބަށް ސޫރިޔާގެ އަސްކަރިއްޔާ އާއި ރަޝިޔާގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތައްވެސް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

2011 ވަނަ އަހަރު ސޫރިޔާގެ ހަނގުރާމަ ފެށިފަހުން މިހާތަނަށް ތިންސަތޭކަ ތިރީސް ހާހަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.