ސައުތު އޭޝިޔަން ޔޫތު ސަމިޓުގައި ދިވެހިރާއްޖެ ތަމްސީލުކުރި ވަފުދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައިފިއެވެ.
އިންޑިޔާގައި މިދިޔަ ސެޕްޓެންބަރު 17 އިން 20 އަށް ބޭއްވި "ސައުތު އޭޝިޔަން ޔޫތު ސަމިޓް"ގައި ދިވެހިރާއްޖެ ތަމްސީލުކުރި ވަފުދުގެ ބޭފުޅުންނާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްދަލުކުރައްވާފައިވަނީ މުލިއާގޭގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ. އިންޓަނޭޝަނަލް ޔޫތު ކޮމިޓީ އިން އިންތިޒާމުކޮށްގެން ބާއްވާފައިވާ ފުރަތަމަ ސައުތު އޭޝިޔަން ޔޫތު ސަމިޓްގައި ރާއްޖެއިން ވަނީ "ބެސްޓް ކަންޓްރީ އެވޯޑް" ހާސިލްކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހި ވަފުދުގެ ބޭފުޅުން ވަނީ މި އެވޯޑް ރައީސުލްޖުމްހޫރިއްޔާއަށާއި، އެމަނިކުފާނުގެ އަނބިކަނބަލުންނަށް އަރުވާފައެވެ.
img:http://s3.psmnews.mv/images/660x400/15069209538558.jpg|ސައުތު އޭޝިޔަން ޔޫތު ސަމިޓްގެ ބައިވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމެއް ބިނާ ކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވައިލައްވައި، "ބެސްޓް ކަންޓްރީ އެވޯޑް" ހާސިލްކުރި ކަމަށްޓަކައި ދިވެހި ވަފުދަށް މަރުހަބާ ވިދާޅުވިއެވެ. އަދި ސައުތު އޭޝިޔަން ޔޫތު ސަމިޓްގެ ވަފުދު ރާއްޖެއަށް ހޯއްދަވައިދެއްވި ކާމިޔާބީއަށްޓަކައި އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
ސައުތު އޭޝިޔަން ޔޫތު ސަމިޓްގައި ރާއްޖޭގެ ތިރީސް ހަތަރު ޒުވާނަކު ޤައުމު ތަމްސީލްކޮށްފައިވެއެވެ. މި ހަފްލާގައި ޔޫތު މިނިސްޓަރ އިރުތިޝަމް އާދަމާއި އެ މިނިސްޓްރީގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.