ކުޅިވަރު

ގޭމްސްގައި ޒުވާން އެތްލީޓުން ތަޖުރިބާ ހޯދަނީ


ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާާރޓްސް ގޭމްސްގައި އެތްލެޓިކްސް ޓީމްގެ ޕާފޯމަންސްއާ މެޗު ހިތްހަމަޖެހޭކަމަށް އެތްލެޓިކްސް ޓީމްގެ ކޯޗު އަބްދުﷲ އިބްރާހީމް ބުނެފިއެވެ. 

މިފަހަރުގެ ގޭމްސްގައި ބައިވެރިކޮށްފައިވަނީ އެތްލެޓިކްސް އެސޯސިއޭޝަންއާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ ގުޅިގެން ބޮކްސް ސުވާނާގައި ތަމްރީން ހަމަދަމުންދާ ޖޫނިއަރ އެތްލީޓުންނެވެ. އެތްލެޓިކްސް ޓީމްގެ ކޯޗް އަބްދުﷲ އިބްރާހީމް ބުނީ އޭޝިއަން އިންޑޯ އެންޑް މާޝަލް އާާރޓްސް ގޭމްސްއަކީ ވަރަށް ސީނިއަރ ގޭމްސްއެއްކަމަށާއި، މިފަދަ ސީނިއަރ ގޭމްސްއެއްގައި ރާއްޖޭގެ ޖޫނިއަރ އެތްލީޓުން ވާދަކޮށް، އެ އެތްލީޓުންގެ ފަރާތުން ފެނުނު ޕާފޯމަންސްއާއި މެދު ހިތްހަމަޖެހޭކަމަށެވެ. މިގޭމްސްގައި ރާއްޖޭގެ ދުވުންތެރިން ވާދަކޮށްފައިވަނީ އިންޑޯ އެތުލެޓިކްސްގެ ފިރިހެނުންގެ ބައިގައެވެ. އެހެން ޤައުމު ތަކުން އެޤައުމުތަކުގެ އެންމެ މޮޅު ދުވުންތެރިން ބައިވެރިކޮށްފައިވާއިރު، އެ ދުވުންތެރިންނާއި ރާއްޖޭގެ ޒުވާން ދުވުންތެރިން ވާދަ ކުރެވޭ ވަރުވުމަކީވެސް ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެތްލެޓިކްސް ޓީމްގެ ކޯޗް އަބްދުﷲ އިބްރާހީމް ބުންޏެވެ.

"އޭޝިޔާގެ ގަދަ ގައުމްތަކާއި އަޅުގަނޑުމެން މިވާދަކުރީ، މިހާރު އެސޯސިއޭޝަންގެ އެންމެ ބޮޑު ވިސްނުމަކީ ވީހާވެސް ޒުވާން ކުދިންނަށް ގިނަ މުބާރާތްތަކުން ފުރުސަތު ދިނުން. ބޮކްސް ސުވާނާގައި ތަމްރީން ހަދަމުން ބޮޑެތި މުބާރާތްކުގައި ވާދަކުރުމަކީ ޒުވާން ކުދިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. މިއަދު މިކުދިންނަށް ބޮޑެތި މުބާރާތްތަކުގެ ތަޖްރިބާ ހޯދައިދެވިއްޖެނަމަ، މާދަމާ މިޒުވާން ކުދިންގެ ކުރިމަގު ވަރަށް އުޖާލާވާނެކަމަށް ޤަބޫލް ކުރެވޭ. މިގޭމްސްއިން ރަނގަޅު ނަތީޖާއެއް ނުލިބުނަސް، ކުރިއަށް ހުރި ގޭމްސްތަކުގައި މިޒުވާން ކުދިން މެޑަލް ހޯދާނެ." ކޯޗު ބުންޏެވެ.

އޭޝިއަން އިންޑޯ އެންޑް މާޝަލް އާާރޓްސްގައި އެތްލެޓިކްސްއިން ވާދަކުރާ ރާއްޖޭގެ އެތްލީޓުންނަކީ އިބްރާހީމް އަޝްފާން ޢަލީ، މުޙައްމަދު ނާޢިލް، ޢަލީ ޝާމް އަދި އަޙްމަދު އަނޫފް މުޙައްމަދެވެ. މުބާރާތުގައި އިބްރާހީމް އަޝްފާން ޢަލީ އާއި އަޙްމަދު އަނޫފް މުޙައްމަދު ވާދަކުރާނީ ފިރިހެނުންގެ 60 މީޓަރު ދުވުމުގައެވެ. އަދި  މުޙައްމަދު ނާއިލްއާއި ޢަލީ ޝާމް ވާދަކުރާނީ 400 މީޓަރު ދުވުމުގައެވެ.