ކުޅިވަރު

3 މެޗުން ބަލިވިޔަސް، ފުޓްސަލް ކޯޗު ހިތްހަމަޖެހިފަ


ތިން މެޗުން ބަލިވިނަމަވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ހިތްވަރު ދޫކޮށްނުލާ މަންޒަރު ވަރަށް ރަނގަޅަށް ފެނިގެންދިޔަކަމަށް ޤައުމީ ފުޓްސެލް ޓީމްގެ ކޯޗް އަބްދުﷲ ނަސީރު ބުނެފިއެވެ. 

ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި މިއަދު ހަވީރު ޗައިނާއާ ވާދަކުރުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ޤައުމީ ފުޓްސެލް ޓީމްގެ ކޯޗް އަބްދުﷲ ނަސީރު ބުނީ މިފަދަ ބޮޑު ގޭމްސްއަކާ ކުރިމަތިލީއިރު، ޓީމްގައި ތިބީ މިފަދަ ގޭމްސްތަކަށް އަދި ފުޓްސެލް މެޗު ކުޅޭ އިންޑޯއަށް މުޅިން އާ ކުދިންކަމަށެވެ. މިފަދަ އިންޑޯ ކޯޓެއްގައި މީގެ ކުރިން ކުޅެފައިވާނީ ޤައުމީ ޓީމްގެ އެންމެ ކުއްޖެއްކަމަށްވެސް އަބްދުﷲ ނަސީރު ބުންޏެވެ. ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޗައިނާއާ ދެކޮޅަށް ނިކުންނައިރު، މީގެ ކުރިން ކުޅުނު ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖޭގެ ފުޓްސެލް ޓީމް ކޮޅަށް ޗައިނާއިން 23 ލަނޑު ޖެހިނަމަވެސް، މިހާރު އެކަން ނުކުރެވޭނެކަމަށާއި، ބޭނުންވަނީ މިފަހަރުގެ މިގޭމްސްއިން ޗައިނާ ބަލިކުރަންކަމަށް ކޯޗު ބުންޏެވެ. ޗައިނާގެ ކުޅުމަށް ބަލާއިރު އެއީ ރާއްޖޭގެ ޓީމަށް ނުކުރެވޭ ވަރުގެ ކަމެއް ނޫންކަމަށްވެސް ޤައުމީ ފުޓްސެލް ޓީމްގެ ކޯޗް އަބްދުﷲ އިންބްރާހީމް ބުންޏެވެ.

"ފުޓްސެލް ޓީމްގެ ފަރިތަކުރުންތައް ކިތަންމެ ކުރިން ފެށިނަމަވެސް، އަޅުގަނޑުމެން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ ޓާފް ދަނޑެއްގަ، އައިސް ކުޅެން މިޖެހުނީ އިންޑޯ ކޯޓެއްގަ. އަޅުގަނޑުމެންގެ ގުރޫޕްގައި މިފަހަރު މިއޮތީ ފުޓްސެލްގައި މިސަރަހައްދުގެ އެންމެ ވަރުގަދަ ޓީމްތައް. އެއީ އުޒްބަކިސްތާން، އަފްޣާނިސްތާން، ޔޫއޭއީ އަދި ޗައިނާ. މިގުރޫޕަށް ބަލާއިރު ޗައިނާ އުޅެނީ އެހެން ޤައުމްތަކަށް ވުރެ ތަންކޮޅެއް ދަށްކޮށް. ބޮޑެތި ފުޓްސެލް ލީގުތައް އޮންނަ ޤައުމުތަކާ ދެކޮޅަށް މިކުޅެވެނީ. މިއީ މިކުދިންނަށް ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއް. ކުރީގެ ތިން މެޗަށް ބަލާއިރު، އަޅުގަނޑުމެންނަށް ޗައިނާ ބަލިކުރެވިދާނެ." ކޯޗު ބުންޏެވެ

މިގޭމްސްގައި ކޮންމެ ދުވަހު މެޗެއް ކުޅެން ޖެހުމުން، ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްވެސް އެއްވެސް ދުވަހެއް ނުލިބޭކަމަށާއި މެޗުތަކުގެ ކުރިން އެއްދުވަހު އިންޑޯ ކޯޓްގައި ފަރިތަކޮށްލަން ލިބުނު ކަމަށް ނަސީރު ބުންޏެވެ. އަދި މެޗުތަކުން ބަލިވިނަމަވެސް މިހާތަނަށް ޓީމްގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭކަމަށްވެސް ޤައުމީ ފުޓްސެލް ޓީމްގެ ކޯޗު ބުންޏެވެ.