ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އަންނަ އަހަރުގެ ކުރީކޮޅު އެމެރިކާއަށް ރަސްމީ ދަތުރެއް ކުރައްވާނެކަމަށް ވައިޓްހައުސްއިން ހާމަކޮށްފިއެވެ.
ސައުދީ ރަސްގެފާނު އެމެރިކާއަށް ދަތުރެއް ކުރައްވާނެކަން އެމެރިކާއިން ހާމަކޮށްފައި މިވަނީ ސަލްމާން ރަސްގެފާނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ކުރިއަށް ދިޔަ ފޯންކޯލަކަށް ފަހުއެވެ. މި ފޯނު ކޯލުގައި ދެ ގައުމުގެ އިސްވެރިން ވަނީ ސައުދީ ޢަރަބިއްޔާ އާއި އެމެރިކާއާ ދެމެދު އޮންނަ ދޭދޭ ގުޅުމާ ބެހޭގޮތުން މަޝްވަރާތައް ކުރައްވައި، ސަރަހައްދުގެ އެހެން މައްސަލަތަކާއި ބައިނަލްއަޤުވާމީ މަސްރަހުގައި މިވަގުތު ހުރި މައްސަލަތަކާ ކުރިއެރުންތަކާ ބެހޭ ގޮތުން ވާހަކަދައްކަވާފައިކަމަށް ވައިޓްހައުސްއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދެގައުމުގެ ދެމެދު އޮންނަ އަސްކަރީ ގުޅުމާ ބެހޭގޮތުންވެސް އެމެރިކާގެ ރައީސް އާއި ސައުދީގެ ރަސްގެފާނު މަޝްވަރާ ކުރެއްވިކަމަށާއި މި ގުޅުން ރަނގަޅުކޮށްގެން ދެގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރެވޭނެކަމަށްވެސް ދެ ގައުމުގެ އިސްވެރިން އިއްތިފާޤުވެވަޑައިގެންކަމަށްވެސް ވައިޓްހައުސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ވައިޓްހައުސްއިން އިތުރަށް ބުނެފައިވަނީ މި ދެ ގައުމުން އިސްކަންދޭ ކަންކަމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް ދެގައުމުން އެއްބަސްވެފައިވާ ކަމަށާއި މި ގޮތުން މެދު އިރުމަތީގެ ސަލާމަތާއި ސުލްޙައަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާގެ ރައީސާއި ސައުދީގެ ރަސްގެފާނު އެއްބަސްވެވަޑައިގެންނެވިކަމަށެވެ.