ގިނަ ބްރޭކްތަކެއް އައުމުން ޓީމްގެ ޕާފޯމަންސްއަށް ވަރަށް ބޮޑަށް އަސަރު ކުރާކަމަށާއި، ނަމަވެސް މިފަހަރު މާޒިޔާއަށް އެކަމުން އަސަރު ނުކުރާނެކަމަށް މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ބުނެފިއެވެ.
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރު މާޒިޔާ ނިންމާލާފައިވަނީ ކުޅުނު ހަތް މެޗްވެސް ކާމިޔާބުކޮށްގެންނެވެ. ނަމަވެސް މާލޭ ލީގުގެ ދެވަނަ ބުރުގައި ބްރޭކްތައް ގިނަވުމުން މާޒިޔާގެ ކޯޗް ވަނީ ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ. މާލޭ ލީގުގެ ދެވަނަ ބުރުގައި މާޒިޔާ ތިން މެޗުން ބަލިވެ، ތިން މެޗުން އެއް ވަރުވެ އަދި އެއް މެޗުން ވަނީ މޮޅުވެފައެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގު ފުރަތަމަ ފަހަރަށް ބްރޭކް ކޮށްފައި މިވަނީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި އޮމާނާ ދިވެހިރާއްޖެ ވާދަކުރާ މެޗަށެވެ. މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ބުނީ އެސްޓީއޯ މާލޭ ލީގުގައި ތާވަލްގައި ނެތް ބްރޭކްތައް އައުމުން ގިނަ އުނދަގޫތަކާ ކުރިމަތިވިކަމަށާއި، ނަމަވެސް ދެން ކުރިއަށް އޮތް މުބާރާތްކުގައި އެ މައްސަލަ މާޒިޔާއަށް ދިމާވުނާނެކަމަށެވެ. ޤައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާއިން މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ސްކޮޑްގައި މިވަގުތު ތިބި ކުޅުންތެރިންގެ އަމިއްލަ ހުނަރު ތަރައްޤީ ކުރަންކަމަށް މާޒިޔާގެ ކޯޗް މަރިޔާން ސެކުލޮސްކީ ބުންޏެވެ. މިހާރު ޓީމް މިއޮތީ ހުރިހާ ގޮތަކަށްވެސް ތައްޔާރުވެފަކަމަށާއި ބްރޭކްތަކަށްވެސް ތައްޔާރުކަމަށް ކޯޗު ބުންޏެވެ.
" މިހާރު ބޮޑަށް މިގެންދަނީ ކުޅުންތެރިންގެ އަމިއްލަ ހުނަރު ތަރައްޤީކުރުމަށް ވިސްނައިގެން. ދިމާވެދާނެ ކޮންމެ ހާލަތަކަށްވެސް މިޓީމް މިހާރު ތައްޔާރު " ކޯޗު ބުންޏެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާކަމަށާއި ފުރަތަމަ ބުރުގައި ބާކީ އޮތް ތިން މެޗުވެސް ކާމިޔާބުކުރުން ވަރަށް މުހިންމުކަން ކޯޗު ފާހަގަކުރިއެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގްގައި މާޒިޔާއަށް ބާކީ ތިން މެޗް އޮތްއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރީން ސްޓްރީޓާއެވެ. ދެވަނަ މެޗްގައި ޓީސީ އަދި ތިންވަނަ މެޗްގައި މާޅޮހާއެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި މާޒިޔާ އޮތީ ދިހަ ޕޮއިންޓްއާއެކުއެވެ. ތާވަލްގެ ދެވަނާގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއާއި ކުލަބް ގްރީން ސްޓްރީޓްއަށް ނުވަ ޕޮއިންޓް ލިބިފައިވެއެވެ. ނަމަވެސް ގޯލްގެ ތަފާތުން ދެވަނަ ލިބެނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއަށެވެ.