ބޮޑީބިލްޑިންގއަކީ ރާއްޖެއަށް ގިނަ ރަން މެޑަލްތަކެއް ހޯދިދާނެ ކުޅިވަރެއްކަމަށް ފުރަތަމަ ފަހަރަށް އޭޝިޔާގެ މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޝާހީން އިބްރާހީމް ދީދީ ބުނެފިއެވެ. ޝާހީން ވަނީ ނިމިގެންދިޔަ 51 ވަނަ އޭޝިޔަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ޗެމްޕިއަންޝިޕުގެ 55 ކިލޯގެ ކެޓަގަރީން އެއްވަނަ ހޯދާ، މިފެންވަރުގެ މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް ހޯދާދިން ފުރަތަމަ އެތްލީޓްގެ ޝަރަފް ހޯދާފައެވެ.
ޝާހީން މިއަދު ރާއްޖެ އައުމުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ޔޫތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި މޯލްޑިވްސް ބޮޑީބިލްޑިންގ ފެޑެރޭޝަންގެ އިސްފަރާތްތަކާއި، އަދި ޝާހީން ނިސްބަތްވާ ރަށް ކަމަށްވާ ކޮނޑޭގެ ބައެއް ފަރާތްތަކުން ވަނީ އެއް ނަންބަރު ފާލަމުގައި ޝާހީންއަށް މަރުހަބާ ކިޔާފައެވެ. އަދި މީގެ އިތުރުން އެމްއެންޑީއެފްގެ ބޭންޑްވެސް ބައިވެރިއެވެ. މާލެ އައުމަށްފަހު ޝާހީން ބުނީ ބޮޑީބިލްޑިންގ އަކީ ވަރަށް ތަފާތު ކުޅިވަރެއްކަމަށާއި، މިއީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއެރުވިދާނެ ކުޅިވަރެއްކަމަށެވެ.
"މިއީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއެރުވިދާނެ ކުޅިވަރެއް. މިހާރުވެސް ބޮޑީބިލްޑިންގ އިންވަނީ ތަފާތު ގިނަ މެޑަލްތަކެއްވެސް މީގެ ކުރިން ރާއްޖެއަށް ހޯދާދީފަ. އަޅުގަނޑު ޤަބޫލް ކުރަނީ މިއީ ރާއްޖޭގެ އެންމެ މަޤްބޫލް އެއް ކުޅިވަރަށް ހެދިދާނެ ކުޅިވަރެއްކަމަށް. އަދި ކުރިއަށް މިއަހަރު ބޮޑީބިލްޑިންގެ މުބާރާތެއް އެބައޮތް. ޤަބޫލް ކުރަނީ އެމުބާރާތުންވެސް ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމަށް." ޝާހީން ބުންޏެވެ.
img:http://s3.psmnews.mv/images/660x400/15039128612486.jpg|ރަންމެޑެއްޔާއެކު އެނބުރި އައުމުން ޝާހީންއަށް މަރުހަބާ ކިޔަނީ: ފޮޓޯ-ޕީއެސްއެމް
މި އަހަރުގެ މިސްޓަ މޯލްޑިވްސްގެ ދެ ވަނަ ހޯދި ޝާހީން މިމުބާރާތުން ރަން މެޑަލް ހޯދީ އޭޝިއާގެ 8 ގައުމުން 9 އެތުލީޓުންނާ ވާދަކޮށްގެންނެވެ. ޝާހީންގެ ފަހަތުން ރިހި މެޑަލް ހޯދީ މޮންގޯލިއާއެވެ. އަދި ލޯ މެޑަލް ހޯދީ ނޭޕާލްގެ ބިލްޑަރެވެ. ޝާހީން ވަނީ 2014 ވަނަ އަހަރު މަކާއޯގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުގެ 160 ސެންޓިމީޓަރު ފިޓްނަސް ކެޓަގަރީން ލޯ މެޑަލް ހޯދައިފައެވެ.
އޭޝިއާގެ ކުޅިވަރު މުބާރާތަކުން މީގެ ކުރިން ރާއްޖޭން ހޯދި އެންމެ ބޮޑު ކާމިޔާބީ ރާއްޖެއަށް ހޯދާދީފައިވަނީ މި އަހަރުގެ ޖުލައި މަހު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން 4 ވަނަ ހޯދި ހަސަން ސާއިދުއެވެ. އަދި އޭޕްރިލް މަހު އޮތް އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުންވެސް ސާއިދު ވަނީ ލޯ މެޑަލް ހޯދާފައެވެ.