އަޑު އިވުމުގެ ގާބިލްކަމުން މަހުރޫމް ވެފައި ކުދިނަށް އަމާޒްކޮށްގެން ފުޓްބޯޅަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ބުނެފިއެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަބްދުއްރައްޒާގު އިބްރާހިމް ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި ޑެފް އެސޯސިއޭޝަންއާއި ގުޅިގެން މިހާރުވެސް އަޑު އިވުމުގެ ގާބިލްކަމުން މަހުރޫމްވެފައިވާ ކުދިންނަށް މެލޭޝިޔާގައި ރަހުމަތްރެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި މިޓީމް އެކުލަވާލުމަށްޓަކައި ބޭނުންވާ ކޯޗުންވެސް ހަމަޖެހިފައިވާކަމަށް ރައްޒާގު ވިދާޅުވިއެވެ. އަޑުއިވުމުގެ ގާބިލްކަމުން މަހުރޫމްވެފައިވާ ކުދިންނަކީވެސް މުޖްތަމަޢުގައި ގާބިލް ކުދިންތަކެއްކަމަށާއި "ލެޓްސް ޕްލޭ"ގެ ހިޔަނީގެ ދަށުން އަޑުއިވުމުގެ ގާބިލްކަމުން މަހުރޫމްވެފައިވާ ކުދިންނަށް ހަފްތާއަކު ދެ ފަރިތަކުރުންތަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރައްޒާގު ވިދާޅުވިއެވެ.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ކޯޕަރޭޓް ސާވިސް މެނޭޖާރ އަހުމަދު ހުޝާމް ވިދާޅުވީ ޑެފް އެސޯސިއޭޝަންއާއި އެކު މިހާރު ހަ މަސްދުވަހުގެ ޕްލޭންއެއް އެކުލަވާލެވިފައިވާކަމަށާއި ކުރިއަށް އޮތް ތިން މަސްދުވަސް ވަންދެން ކުދިންގެ ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހުޝާމް ވިދާޅުވިއެވެ.
" އަޅުގަނޑުމެން މިބަލަނީ މިހާރުގެ ކުޅުންތެރިންވެސް މީގެ ބައެއް ފަރިތަކުންތަކުގައި ބައިވެރިވާނެކަމަށް، މިއީވެސް އެކުދިން މޯޓިވެޓް ކުރުމަށް ކުރާކަމެއް. އަދި ބައެއް ކުރީގެ ކުޅުންތެރިންވެސް މިކަމުގައި ބައިވެރިވުމަށް މިހާރުވަނީ އެއްބަސްވެފަ. އަޅުގަނޑުމެން މިވިސްނަނީ 3 މަހުގެ ފަރިތަކުރުންތަކަށްފަހު، މެލޭޝިޔާގައި އެކުވެރި ކަމުގެ މެޗްއެއް ކުޅުމަށް. މިޕްލޭން މިވަގުތު 6 މަސް ދުވަހަށް އިންނަމަވެސް، އަޅުގަނޑުމެންގެ ވިސްނުމަކީ 6 މަސްފަހުވެސް މިކަންތަށްތަށް ކުރިއަށް ގެންދިއުން" ސްޕޯޓްސް ކޯޕަރޭޝަންގެ ކޯޕަރޭޓް ސާވިސް މެނޭޖާރ އަހުމަދު ހުޝާމް ވިދާޅުވިއެވެ.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާރ އަބްދުލް ރައްޒާގު އިބްރާހިމް ވިދާޅުވީ ލެޓްސް ޕްލޭގެ ހިޔަނީގެ ދަށުން މިއީ ކޯޕަރޭޝަންގެ ފަރާތުން ކުރިއަށް ގެންދާ އެއް ހަރަކާތް ކަމަށާއި ކުރިއަށް އޮތް ތަނުގައި މިދަފަ އިތުރު ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް ނޭޅޭ ގޮތަށް މަސައްކަތް ކުރުމަކީވެސް ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް ބޭނުންކަމަށް ރައްޒާގު ވިދާޅުވިއެވެ.
ހާއްސަކޮށް ރާއްޖޭގެ ކުޅިވަރި އެހެން ހަރުފަތަކަށް ގެންގޮސްދިނުމަކީވެސް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ އެއް އަމާޒުކަމަށްވެސް ރައްޒާގު ވިދާޅުވިއެވެ.