އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ތިނަދޫ ޓީމްގެ ސްޕޮންސަރަކަށް މިފްކޯ ހަމަޖައްސައިފިއެވެ. މިފްކޯއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިފްކޯއިން ތިނަދޫ ޓީމަށް އެކެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.
އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދުލީ އިސްމާޢީލްއެވެ. ތިނަދޫ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެޖަމިއްޔާގެ އެސިސްޓަންޓް ޖެނެރަލް ސެކެޓްރީ ސަޙާޢު ޝަމީމްއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިފްކޯގެ ސީއީއޯ އަދުލީ އިސްމާޢީލް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅައަށް ކޮށްދެވުނު ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި މިއެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންވެސް ތިނަދޫގެ މަސްވެރިންނާއި މިފްކޯއާ ވަރަށް ގާތްކުޅުމެއް އޮންކަމަށާއި އަދި މިހާރު ތިނަދޫގެ ފުޓްބޯޅަ ޓީމަށްވެސް އެހީތެރިވުމުގެ ފުރުސަތު ލިބިގެންދިއުމަކީ ތިނަދޫއާއި މިފްކޯއާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމެއްކަމަށް މިފްކޯގެ ސީއީއޯ އަދުލީ އިސްމާޢީލް ވިދާޅުވިއެވެ.
ތިނަދޫ ސްޕޯޓްސްގެ އެސިސްޓަންޓް ޖެނެރަލް ސެކެޓްރީ ސަޙާޢު ޝަމީމް ވިދާޅުވީ މިސްޕޮންސާރޝިޕްގެ ސަބަބުން ތިނަދޫގެ ފުޓްބޯޅައަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މިފްކޯއާއި އެކު ވަރަށް ގާތްކޮށް މަސައްކަތް ކުރަމުންދާނެކަމަށެވެ.
ޕްރިމިއާރ ލީގުގައި ތިނަދޫ ކުޅުނު ފުރަތަމަ މެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ މާޅޮހާއި ވާދަކޮށް އެކެއް ސުމަކުންނެވެ.