މޮރިޝަސް ސީރީސް ބެޑްމިންޓަން މުބާރާތުގައި ބްރޯންޒް މެޑަލްއެއް ރާއްޖެއަށް ހޯދިދާނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އިޝްފާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލުމާތުދެމުން އިޝްފާން މުހައްމަދު ވިދާޅުވީ މޮރިޝަސް ސީރީސް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެއިން ވާދަކުރާނީ 10 ކުޅުންތެރިންކަމަށެވެ. އެއީ 4 ފިރިހެން ކުޅުންތެރިނާއި 6 އަންހެން ކުޅުންތެރިންނެވެ. މިމުބާރާތަކީ 2019ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލްއެއް ހޯދުމުމަށް ބެޑްމިންޓަން އެސޯސިއޭޝަންއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައިވެރިވާ މުބާރާތެއްކަމަށާއި މިފަދަ މުބާރާތްތަކުގައި ވާދަކޮށް ކުޅުންތެރިންނަށް މެޗްގެ ތަޖްރިބާ ހޯދައިދިނުމަކީވެސް މުބާރާތުގައި ބައިވެރިވުމުގެ އެއް އަމާޒްކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އިޝްފާން މުހައްމަދު ވިދާޅުވިއެވެ.
އިޝްފާން ވިދާޅުވީ ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަންގައި އެންމެ ކާމިޔާބު އެއް ގައުމްއަކީ މޮރިޝަސްކަމަށާއި 2019ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވުމާ ގުޅިގެން، މިފަދަ މުބާރާތްތަކުން މޮރިޝަސްގެ ކުޅުންތެރިންނާއި ވާދަކުރުމުގެ ފުރުސަތު ދިވެހި ޓީމަށް ލިބުމަކީ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
"ބެޑްމިންޓަންއަށް ބަލާކަމަށްވާނަމަ، އެފްރިކާގެ މުބާރާތްތަކަކީ ރާއްޖެއަށް ވާދަކުރެވޭ މުބާރާތްތަކެއް. ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ތިބީ އޭޝިޔާގަ. އެހެންކަމުން އޭޝިޔާއިން ބޭރުގެ މުބާރާތްތަކުގައި ރާއްޖެއަށް ވާދަކުރެވޭނެ. ވޯލްޑް ރޭންކިން ޕޮއިންޓް އިތުރު ކުރުމަށްވެސް ލިބޭނެ ފުރުސަތެއް މިއީ" އިޝްފާން ވިދާޅުވިއެވެ،
މޮރިޝަސް ސީރީސް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ބާރަވަނަ ދުވަހުއެވެ. މުބާރާތް ކުރިއަށްދާނީ މިމަހުގެ 15އިން 18އަށެވެ. މޮރިޝަސް ސީރީސް ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމްގެ މެއިން ސްޕޮންސަރަކީ މޮރިޝަސް ކޮމާޝަލް ބޭންކްއެވެ.
މީގެ އިތުރުން ބައެއް ކުޅުންތެރިން މުބާރާތައް ދަނީ ބެލެނިވެރިންގެވެސް އެހީތެރިކަމާއެކުއެވެ.
2019ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލްއެއް ހޯދުމަށް، ޕްލޭންއެއް އެކުލަވާލާއި ބެޑްމިންޓަން އެސޯސިއޭޝަންއިން މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުއެވެ.