އުތުރު ކޮރެއާއެކު އަލުން މުޢާސަލާތީ ގުޅުން ޤާއިމުކުރުމަށް ބޭނުންވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، އަވައްޓެރި ޤައުމަކާއިއެކު މުޢާސަލާތީ ގުޅުން ވީއެންމެ އަވަހަކަށް ޤާއިމު ކުރުމަކީ މުޙިއްމު ކަމެއް ކަމަށެވެ. އަދި އެވުޒާރާއިން މިކަމާ ބެހޭ ގޮތުން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި މިކަމާ ބެހޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ދެކުނު ކޮރެއާގެ ތަރުޖަމާނު ވަނީ ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން ކަނޑާލީ އުތުރު ކޮރެއާއިން ކަން ފާހަގަކުރައްވާފައެވެ. ދެ ޤައުމުގެ މެދުގައި މުޢާސަލާތީ ގުޅުން ޤާއިމުކުރުމަށް ދެކުނު ކޮރެއާއިން ބޭނުންވާކަން ހާމަކޮށްފައި މިވަނީ މިހަފްތާގެ ކުރީކޮޅު އުތުރު ކޮރެއާއިން އަނެއްކާވެސް ބެލެސްޓިކް މިސައިލެއް ޓެސްޓްކޮށްފައި ވަނިކޮށެވެ. ނަމަވެސް ދެކުނު ކޮރެއާގެ ރައީސް މޫން ޖައި-އިން ވަނީ އުތުރު ކޮރެއާއާއިއެކު މަޝްވަރާ ކުރުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.