ޚަބަރު

ކައުންސިލް އިންތިޚާބުގެ ޚާއްސަ އޮޕަރޭޝަން “ދިހި”


ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަން "ދިހި" އާބެހޭ އެންމެފަހުގެ މަޢުލޫމާތު ފުލުހުންވަނީ ހާމަކުރައްވާފައެވެ. 

އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު މެންދުރުފަހު ބްރިީފިންގއެއް ބާއްވާފައިވާއިރު މި ބްރީފިންގގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި އޮޕަރޭޝަން ކޮމާންޑަރ އަދި ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އިސްވެރިންނާއި އެކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ނޯތު ޕޮލިސް ޑިވިޜަނާއި ސައުތު ޕޮލިސް ޑިވިޜަނުގެ ވެރިންނާއި އޮޕަރޭޝަނުގެ ކޮމާންޑަރުންނާއި އޮޕަރޭޝަނުގައި މާލެ ހިމެނޭ ސަރަޙައްދުގައި ހަރަކާތްތެރިވާ ފުލުހުން ބައިވެރިވެފައިވެއެވެ.

މާދަމާ ފަށާ ލޯކަލް އިންތިޚާބުގެ ސަލާމަތީ ކަންކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ގޮތުން ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ޚާއްސަ އެކްސަސައިޒެއް ކުރިއަށް ގެންގޮސްފައެވެ. މި އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައެވެ.

އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ކޮމާންޑަރުންނާ، އޮޕަރޭޝަން ކޮމާންޑަރ އަދި ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކި ޑިޕާޓްމަންޓްގެ ވެރިންނާއި އޮޕަރޭޝަން "ދިހި" ގައި ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގަތެވެ. 

އޮޕަރޭޝަން "ދިހި" އަކީ ލޯކަލް ކައުންސިލް އިންތިޚާބާގުޅިގެން ފުލުހުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެވެ. 

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާ ފުލުހުން މިހާރުވަނީ ވޯޓު ފޮށި ބަހައްޓާ ރަށްރަށަށް ފޮނުވާފައެވެ. އަދި ރަށްރަށް ގެންދަންޖެހޭ ވޯޓު ކަރުދާހާއި ވޯޓުފޮށިތައް އެރަށްރަށްވަނީ ގެންގޮސްފައެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގެ އާއްމު ހާލަތު ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.