ދ ކުޑަހުވަދޫ، ތ ގުރައިދޫ އަދި ގއ. ވިލިނގިލީގައި ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ މިއަދު ޙަވާލުކުރައްވައިފިއެވެ.
މި ތިން ރަށުގެ ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައި ވަނީ އިންޑިއާގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމުގައިވާ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާއެވެ. ތިން ރަށުގެ މަޝްރޫޢަކީ އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ލޯން އެހީއާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިޔަށްގެންދަވާ މަޝްރޫޢެކެވެ. މި ތިން މަޝްރޫޢުއަށް 6.8 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫގައި 22 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި 105 ޓަނުގެ އާރު.އޯ ޕްލާންޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ތ. ގުރައިދޫގައި 8 ކިލޯމީޓަރގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެއްވުމަށާއި އެރަށުގައި 78 ޓަނުގެ އާރު.އޯ ޕްލާންޓެއް ބެހެއްޓެވުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
img:http://s3.psmnews.mv/images/660x400/14938914933911.jpg|3 ރަށެއްގެ ފެނުގެ ނިޒާމްގެ މަސައްކަތް ބަޔަކާއި ހަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ ތޯރިޤް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް
އަދި ގއ. ވިލިނގިލީގައި 10 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމުކުރެއްވުމަށާއި 591 ޓަނުގެ އާރް.އޯ ޕްލާންޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ އަސާސީ ޚިދުމަތްދެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށެވެ. ރާއްޖޭގައި އެންމެ ބާރު ސްޕީޑްގައި ގިނަ ޕްރޮޖެކްޓްތަކެއް ކުރިޔަށް ގެންގޮސްފައިވަނީ މި ސަރުކާރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ވަނީ މިއީ އެދާއިރާތަކުގެ އިތުރުން ރައްޔިތުންނާއި ގުޅުން ހުރި މަޝްރޫޢުތަކެއްކަން ފާހަގަކުރައްވައި، މި ފަދަ މަޝްރޫޢުތައް ކުރިޔަށް ގެންދަވާތީ ޝަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މި މަޝްރޫޢު ނިމުމުން އެ ތިންރަށުގެ ބޯފެނުގެ ޚިދުމަތް ޤާއިމުވެ، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ހުރިހާ ގޭބިސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ގުޅާދެވޭނެއެވެ.