އިއާދަކުރުވަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކޮށްގެން ކަރަންޓް އުފެއްދުން އިތުރުކުރުމަށް ހައިބްރިޑް ސިސްޓަމްތަކެއް ބެހެއްޓުމަށް ސަރުކާރުން ކުރިޔަށް ގެންދަވާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މުޅިން ނިމި، ބައެއް ރަށްރަށުގައި މިހާރުވަނީ ޚިދުމަތް ދެއްވަން ފަށްޓަވާފައެވެ.
މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކޮށް، އެ ޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ، ޗަންގް ޒޫ ޓްރީނަރ ސޯލާރ އެނަރޖީ ކޯޕަރޭޝަނާއެވެ. މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމްއެވެ.
ޗަންގް ޒޫ ޓްރީނަރ ސޯލާރ އެނަރޖީ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ބްރާޔަންއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ޠާރިޤް ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ ދައުރު ނިމިގެންދާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއާދަކުރުވަނިވި ހަކަތައިގެ ވަސީލަތް ޤާއިމްކުރެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.
"ރަށްރަށުގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމަށް 14 ޖަނަރޭޓަރު އެއީ 3.3 މެގަވޮޓްގެ ހަމަވާވަރަށް އިންސްޓޯލް ކުރެވޭނެ. 2.5 މެގަވޮޓްގެ ބެޓަރި ސިސްޓަމްވެސް ހުރިހާ ރަށެއްގައި ހަރުކުރެވިގެންދާނެ. މިސިސްޓަމް އެފިޝެންސް ކުރުމަށް ކުރެވިގެންދާކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި އިޔާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފެއްދުނު މިންވަރު 6 މެގަ ވޮޓަށް އިތުރުވެފައިވާކަމަށެވެ. އަދި ޢަމާޒަކީ ކޮންމެ ރަށަކަށްވެސް 30 އިންސައްތައާއި އެއްވަރުގެ ޢަދަދަކަށް އިއާދަކުރުވަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމްތައް ޤާއިމްކުރެއްވުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
" ސިންޖޮރޮނައިޒް ޕެނަލް ބޯޑެއް ކޮންމެ ރަށެއްގައި ހަރުކުރެވިގެންދާނެ. އެއީ މިސިސްޓަމް ރަގަޅަށް އޮޕަރޭޓް ކުރުމަށްޓަކައި، އަދި އެނަރޖީ މެނޭޖްމެންޓް ސިސްޓަމެއްވެސް މީގެ ތެރެއިން ހަރުކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ދަށުން ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި 2.3 މެގަ ވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި، ޑީސަލުން ކަރަންޓް އުފައްދާ 3.3 މެގަވޮޓުގެ 17 ޖެނެރޭޓަރ އަދި 2.5 މެގަވޮޓު އަވަރގެ ބެޓެރީގެ އިތުރުން އޮޓަމެޓިކް ސިންކްރޮނައިޒް ޕެނަލް ބޯޑުތައް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެއަތޮޅު ކޮންމެ ރަށެއްގައި އެނާރޖީ މެނޭޖުމަންޓް ސިސްޓަމްތަކެއް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ، އޭޑީބީގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ 10.4 މިލިއަން ޔޫއެސް ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ.