ކުޅިވަރު

ލިމިޑެޓް އޯވަރ ކްރިކެޓް މުބާރާތުގެ ފައިނަލާ ގާތަށް ސީބީއެލް


ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް 35 ވަނަ ލިމިޑެޓް އޯވާރ ކްރިކެޓް މުބާރާތުގެ ފައިނަލާ ގާތަށް ސީބީއެލް ޖެހިލައިފިއެވެ. ސީބީއެލް މިމުބާރާތުގެ ފައިނަލާ ގާތަށް ޖެހިލީ މާލޭ ސްޕޯޓްސް ކުލަބާއި ވާދަކޮށް 3 ވިކެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. 

5 ޓީމް ވާދަކުރާ މިމުބާރާތުގައި ސީބީއެލްއަށާއި ކޮމެޓްއަށް 2 މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު، މެޗް ރަން ރޭޓުން ތާވަލްގެ 1 ވަނަ މިވަގުތު ލިބެނީ ސީބީއެލްއަށެވެ މާލޭ ސްޕޯރޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް އަދި ވެސްޓަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. 

ސީބީއެލްއާއި މާލޭ ސްޕޯޓްސް ކުލަބް އިއްޔެ ވާދަކުރި މެޗްގެ ގުރު ދިމާވުމުން މާލޭ ސްޕޯރޓްސް ކްލަބް ގަސްދުކުރީ ކުޅުމަށެވެ. ކުޅެންއަރާ 40  އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 179 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 50 ބޯޅައިން 42 ލަނޑު ހެދި ޔޫސުފް އަޒިޔާންއާއި 52 ބޯޅައިން ނުބައިނުވެ 42 ލަނޑު ހެދި އިސްހާގް މުޒަމިލްއެވެ.  ސީބީއެލްއިން އެންމެ ރަނގަޅަށް އުކީ  8 އޯވަރު 23 ލަނޑަށް 2 ވިކެޓް ނެގި މުހަންމަދު އަކްރަމްއެވެ. ޖަވާބުގައި ސީބީއެލް ކުޅެންއަރާ 37 ވަނަ އޯވަރުގައި 7 ކުޅުންތެރިން ނުބައިވެގެން 182 ލަނޑު ހެދިއެވެ. މަހުމޫދު ރިޔާޒު 73 ލަނޑު އަދި އަހުމަދު ފިރާޒު 35 ލަނޑު ހެދިއެވެ.  މާލޭ ސްޕޯރޓްސް ކްލަބުން އެންމެ ރަނގަޅަށް އުކީ 7 އޯވަރު 32 ލަނޑަށް 3 ވިކެޓް ނެގި މުހަންމަދު މަފާޒުއެވެ.

މިމުބާރާތުގެ ކުޅުން ދެން އޮންނާނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެދުވަހުގެ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ވެސްޓް ސްޕޯރޓްސް ކްލަބެވެ. ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރ ދަނޑުގައެވެ. އަދި ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ޖަހާއިރުއެވެ. 

35 ވަނަ ލިމިޑެޓް އޯވާރ ކްރިކެޓް މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލް ކުޅޭ ގޮތަށެވެ.