ދުނިޔެ

ކަޝްމީރުގެ އިންޑިއާ ފަޅީގައި ސޯޝަލް މީޑިއާ މަނާކޮށްފި


އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ކަޝްމީރުގެ އިންޑިއާއަށް ވީ ފަޅީގައި ސޯޝަލް މީޑިއާގެ އެކި އެކި ސާރވިސްތައް ބޭނުން ކުރުން މަނާކޮށްފިއެވެ. އިންޑިއާގެ ސަރުކާރުން ނިންމި މި ނިންމުމުގައި 22 ސޯޝަލް މީޑިއާގެ ޚިދުމަތެއް އެސަރަހައްދުގައި ބޭނުންކުރުން މަނާކޮށްފައިވާ އިރު މީގެ ތެރޭގައި ފޭސްބުކް، ޓުވިޓަރ އަދި ވަޓްސް އަޕް ވެސް ހިމެނެއެވެ. އިންޑިއާ ސަރުކާރުން މި ޚިދުމަތްތައް މަނާކޮށްފައިވަނީ ކުރިއަށް އޮތް އެއްމަސް ދުވަހަށް ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވަނީ އެގައުމުން ކޮޓްރޯލްކުރާ ކަޝްމީރުގެ ސަރަހައްދުގައި ސޯޝަލް މީޑިއާގެ ޚިދުމަތްތައް ބޭނުން ކުރުން މަނާ ކުރީ ސޯޝަލް މީޑިއާ ބޭނުންކޮށްގެން ސަރުކާރާ ދެކޮޅަށް އެސަރަހައްދުގެ ރައްޔިތުންގެ މެދުގައި ސަރުކާރާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

ވޭތުވެދިޔަ ހަފްތާގައި އިންޑިއާ ކޮންޓްރޯލް ކުރާ ކަޝްމީރުުގެ ސަރަހައްދުގައި ވަނީ ގިނަ ކުރިމަތިލުންތަކެއް ހިނގާފައެވެ. މި ކުރިމަތިލުންތަކުގައި އެތަށް ބަޔަކު މަރުވެފައިވާ އިރު އެންމެ ވަރުގަދަ ކުރިމަތިލުންތައް ހިނގާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ކަޝްމީރުގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި ކަމަށް ޚަބަރު ލިބެއެވެ. އެއްވި މީހުންނާ އިންޑިއާގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 8 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ. 

އިންޑިއާ ފުލުހުން ބުނެފައިވަނީ ވޭތުވެދިޔަ ހަފްތާތަކުގައި ކަޝްމީރުގެ ބައެއް ސްކޫލުތަކުގައި ރޯކޮށްލާފައިވާ އިރު ކާކުކަން ނޭނގޭ ބަޔަކު ވަނީ ކަޝްމީރުގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ތިން މީހަކު ބަޑި ޖަހާ މަރާލާފައިކަމަށެވެ.