ދެމެހެއްޓެނިވި ތަރައްޤީއަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ، ޓިވެޓްގެ މުހިންމުކަމާ ގުޅޭ ގޮތުން ސެމިނާއެއް ފަށައިފިއެވެ.
ކޮލަމްބޯ ޕްލޭން ސްޓާފް ކޮލެޖް ފޯރ ޓެކްނީޝަންސް އެޑިއުކޭޝަން އާއި ޓިވެޓް އޮތޯރިޓީ ގުޅިގެން "އިންކަންޓްރީ ޕްރޮގްރާމް އޮން އިފެކްޓިވް ޓީޗިންގ މެތޮޑޮލޮޖީ"ގެ ނަމުގައި މިމަހު ދިހަޔަކުން ފެށިގެން ކުރިއަށްގެންދާ ވޯކްޝޮޕްގެ ބައެއްގެ ގޮތުގައި ކުރިއަށްދާ މި ސެމިނަރ ފަށްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއުއެވެ.
މި ސެމިނަރގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ރާއްޖޭގެ ޓިވެޓް ނިޒާމް ހަރުދަނާކުރުމާއި ގުޅޭ ގޮތުންނާއި، އޮން-ލައިންކޮށް ކުރިއަށް ގެންދާ ޓިވެޓް ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމާއެކު ޓިވެޓް ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ޓިވެޓްގެ މުހިންމުކަން ޝަފީއު ފާހަގަކުރެއްވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްތަކާއި ކުންފުނިތަކުން 35 މުވައްޒަފުން ބައިވެރިވާ މި ސެމިނާގައި ހަތަރު ކަރުދާހެއް ހުށައަޅައި މަސްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މަސްވަރާކުރާ ކަރުދާސްތަކުގެ ތެރޭގައި ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމާއި، ރާއްޖޭގެ ޒުވާނުންގެ މެދުގައި ޓިވެޓް ކޯސްތަކުގެ މަޤްބޫލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ. އަދި ޒުވާނުން ހުނަރުވެރިކުރުވާ ވަޒީފާގެ ބާޒާރަށް ތަމްރީނުކުރުވުމަށް ޓިވެޓް އޮތޯރިޓީން އިންޑަސްޓްރީތަކާއި އެކު ގުޅުން ޤާއިމްކުރުމާއި މަސައްކަތްތެރި ޒުވާނުން އުފެއްދުމަށް ޓިވެޓް ޕޮލިސީގެ ދައުރު ހިމެނޭ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.