ޚަބަރު

ވަރިކައިވެންޏާ ގުޅޭ މަޢުލޫމާތު ބެލެހެއްޓެވުމަށް ޑޭޓާބޭސްއެއް


ވަރިކައިވެންޏާ ގުޅޭ މަޢުލޫމާތު ބެލެހެއްޓެވުމަށް ޚާއްޞާ ޑޭޓާބޭސްއެއް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ޝަރުޢީ ދާއިރާއިން ފަށްޓަވައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ ވަރިކައިވެންޏާގުޅޭ މަޢުލޫމާތަކީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރެވި އެކަމާ ގުޅުންހުރި މުއައްސަސާތަކަށް ވަގުތުން ލިބުން މުހިންމު މަޢުލޫމާތު ތަކެއް ކަމަށެވެ. އަދި މި މަޢުލޫމާތަކީ ދައުލަތުގެ ބައެއް މުއައްސަސާތަކުން ކުރިއަށް ގެންދާ އިޖުތިމާޢީ ކަންކަމާ ނުވަތަ ޙަރަކާތްތަކާއި ގުޅިލާމެހިފައިވާ މަޢުލޫމާތުތަކަކަށް ވުމުން މި މަޢުލޫމާތު ވަގުތުން ވަގުތަށް އަޕްޑޭޓްކޮށް ކަމާބެހޭ މުއައްސަސާތަކާ ޙިއްޞާ ކުރެވޭފަދަ ޑޭޓާބޭސްއެއް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި މި ޑޭޓާބޭސް ވީއެންމެ އަވަސް މުއްދަތެއްގައި ތައްޔާރުކޮށް މި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގައި ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށް ޖުޑީޝަރީން މައުލޫމާތު ދެއްވައެވެ.

ޝަރުޢީ ކޯޓްތައް އެއް ނެޓްވޯކަކުން ގުޅާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން މިދިޔަ އަހަރުގެތެރޭގައި 101 މެޖިސްޓްރޭޓް ކޯޓްވަނީ އިންޓަރނެޓްގެ ވިއުގައަކުން ގުޅުވާލާފައެވެ. އަދި ބާކީ ހުރި 86 މެޖިސްޓްރޭޓް ކޯޓު މި އަހަރުގެ ތެރޭގައި ގުޅާލެވިގެންދާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

ވަރިކައިވެންޏާ ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކާއި، ޝަރުޢީ ހުރިހާ ކޯޓްތަކަށް ވަގުތުން ވަގުތަށް ލިބެން ހުންނާނެހެން ހެއްދެވުމަށް ހަމަޖެހިފައިވަނީ ޝަރުޢީ ދާއިރާގެ ރަސްމީ ސޮފްޓްވެއަރ ކަމުގައިވާ މޯލްޑިވްސް އީ-ކޯޓް މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށެވެ.