ކުޅިވަރު

ޫޔޫވީއަކީ މޮޅު ޓީމެއް، މެޗް ފަސޭހަ އެއް ނުވާނެ - ނިޒާމް


މިދިޔަ އަހަރުގެ ލީގުގައި ގަދަ ހަތަރެއްގައި ޔުނައިޓެޑް ވިކްޓްރީ ހިމެނުމަކީ ޓީސީއިން ސަމާލްވާން ޖެހޭނެ ކަމެއްކަމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.

 އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ޔުނައިޓެޑް ވިކްޓަރީ ވާދަކުރާ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޓީސީ ސްޕޯޓްސް ކުލަބް ކޯޗް މުހައްމަދު ނިޒާމްބުނީ ޔުނައިޓެޑް ވިކްޓަރީއަކީ މިދިޔަ އަހަރު އެންމެން ހައިރާންކޮށްލާފައިވާ ޓީމެއްކަމަށެވެ. މިދިޔަ އަހަރު ޓީސީއަށް އެންމެ އުނދަގޫވި މެޗްތަކަކީ ޔުނައިޓެޑް ވިކްޓަރީއާ ކުޅެން ޖެހުނު މެޗްތަށްކަމަށާއި މިއަހަރު އެކަމަށް ސަމާލްވާނެކަމަށް ނިޒާމްބުންޏެވެ. ޔުނައިޓެޑް ވިކްޓަރީކަމަށް ވީނަމަވެސް ޓީސީއިން އެއްވެސް މެޗެއް ފަސޭހަކޮށް ނުލާނެކަމަށާ ޓީސީއިން އަބަދުވެސް ނިކުންނާނީ ކޮންމެ ޓީމަކީވެސް މޮޅު ޓީމެއްކަމަށް ބަލައިގެންކަމަށާއި ޔުނައިޓެޑް ވިކްޓަރީ މިހާތަނަށް ކުޅެފައިވާ ދެ މެޗަށް ބާލައިރުވެސް އެޓީމްދަނީ މެޗަކަށް ވުރެއް މެޗެއް ރަނގަޅު ކުރަމުންކަމަށް ޓީސީ ސްޕޯޓްސް ކުލަބް ކޯޗް މުހައްމަދު ނިޒާމްބުންޏެވެ.



"ޔުނައިޓެޑް ވިކްޓަރީގެ ކޯޗް އާތިފްއަކީ އަޅުގަނޑު ވަރަށް އިޙުތިރާމް ކުރާ ކޯޗެއް. ޔުނައިޓެޑް ވިކްޓަރީން ދަނީ މެޗަކަށް ވުރެއް މެޗެއް ރނގަޅު ކުރަމުން. އެހެންވީމަ ޓީސީއަކަށް ނެތް މިމެޗް ފަސޭހަކޮށްލެވޭކަށް. ކުޅުންތެރިންނަށްވެސް މިހާރުވަނީ ވަރަށް ރަނގަޅަށް މިކަން ވިސްނަދީފަ. ޔުނައިޓެޑް ވިކްޓަރީއާ މިދިޔަ އަހަރު ވާދަކުރި މެޗްތަށް ކުޅުންތެރިން ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ. ކޮންމެ ގޮތެއްވިއަސް ކޮންމެ މެޗަކީވެސް ޓީސީއަށް މުހިންމު މެޗެއް." ނިޒާމް ބުންޏެވެ.  



ޓީސީ ސްޕޯޓްސް ކުލަބް ކޯޗް މުހައްމަދު ނިޒާމްބުނީ މިއަހަރު ޓީސީގެ ފުރަތަމަ އަމާޒްއަކީ މާލޭ ލީގްގެ ގަދަ ހަތަރަކުން ޖަގަ ހޯދާ ޕްރިމިއާރ ލީގަށް ކޮލިފައިވުންކަމަށް. އެންމެ ބޭނުންވަނީ ލީގްގެ އެއްވަނާގައި އޮވެ، ޕްރިމިއާރ ލީގަށް ކޮލިފައިވާންކަމަށްވެސް ނިޒާމްބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ އެސިސްޓަންޓް ކޯޗު އަހުމަދު މުރުތަލާ ބުނީ ދެ މެޗުން ބަލިވެފައިވުމުން ޔުނައިޓެޑް ވިކްޓަރީން ނިކުންނާނީ އެންމެ މަދުވެގެން ޕޮއިންޓެއް ހޯދަންކަމަށް. ޓީސީއިން މިއަހަރުގެ މިހާތަނަށް ދައްކާފައިވާ ކުޅުމަށް ބާލައިރު، އެޓީމް ހިފެހެއްޓުމަކީ ވަރަށް އުނދަގޫކަމެއްކަމަށާ ނަމަވެސް އެއީ ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިންނަށް ނުވާނެކަމެއް ނޫންކަމަށް މުރުތަލާބުންޏެވެ.



"ނިއު މެޗްގައިވެސް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ. ހަމައެކަނި ދިމާވެފައިވާ މައްސަލައަކީ ލަނޑު ޖެހުމުގެ މައްސަލަ. ޓީސީއަކީ މޮޅު ޓީމެއްކަން އަހަރުމެންނަށް ވަރަށް ރނގަޅަށް އިނގޭ. ޓީސީ މެޗްގައިވެސް އަހަރުމެން ބަލާނަން ލަނޑު ޖެހުމުގެ ކަންތަކަށް ހައްލެއް ގެނެސް ހުރިހާ ކަމެއް ރަނގަޅަށް ކުރެވޭތޯ." ޔޫވީގެ އެސިސްޓެންޓް ކޯޗް މުރްތަލާ ބުންޏެވެ.



އެސްޓީއޯ މާލޭ ލީގްގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކުލަބްއާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ  ހަވީރު ހަތަރެއް ޖަހާއިރުއެވެ.