ޚަބަރު

2016 ގައި އެންމެ ގިނައީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތައް - އޭސީސީ


2016 ވަނަ އަހަރުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް އެންމެ ގިނައިން ހުށައެޅިފައިވަނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތައް ކަމަށް އެކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2016 ވަނަ އަހަރުގެ ތެރޭގައި އެކޮމިޝަނަށް ޖުމްލަ 920 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ބޮޑުބައެއް ޙިއްޞާކުރަނީ ޕްރޮކިއުމެންޓާ ގުޅުން ހުރި މައްސަލަތައް ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން ޕްރޮކިއުމެންޓާގުޅޭ 320 މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހުށައެޅިފައެވެ. މިއީ އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ޖުމްލަ ޢަދަދުގެ ތިންބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑު ޢަދަދެކެވެ. ޕްރޮކިއުމެންޓް މައްސަލަތަކުގެ ބޮޑު ބައެއް ޙިއްޞާކުރަނީ ބީލަންތަކާއި، އެގްރީމެންޓާ ގުޅޭ މައްސަލަތަކެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި އޭސީސީއަށް ހުށައެޅި މައްސަލަތަކުގެ ތެރޭގައި ދެން އެންމެ ގިނައިން ހިމެނެނީ ވަޒީފާއާގުޅޭ މައްސަލަތަކެވެ. އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާ ދިނުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އަދި އުޞޫލުތަކުގެ ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލަތައް ހިމެނެއެވެ. ވަޒީފާއާގުޅޭ 105 މައްސަލަ 2016 ވަނަ އަހަރުގެ ތެރޭގައި ހުށަހަޅާފައިވާއިރު މިއީ 2015 ވަނަ އަހަރާ ބަލާއިރު ދަށް ޢަދަދެކެވެ. 2015 ވަނަ އަހަރު ވަޒީފާއާގުޅޭ 156 މައްސަލަ އޭސީސީއަށް ހުށައެޅިފައިވެއެވެ.

މީގެ އިތުރުން 2016 ވަނަ އަހަރުގެ ތެރޭގައި ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ބިމާއި، ރަށްތަކާ ގުޅޭ ޖުމްލަ 141 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، އެހެނިހެން ތަފާތު ބާވަތްތަކުގެ 354 މައްސަލަ އެކޮމިޝަނަށް ހުށައަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކުރައްވައެވެ.

އޭސީސީން ގެންދަވަނީ އެކޮމިޝަނަށް ހުށައަޅާ މައްސަލަތަކުގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި ފާހަގަކުރައްވާ ކަންކަން އިތުރަށް ތަޙްޤީޤްކުރައްވައި، ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވޭތޯ ބައްލަވަމުންނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ކޮރަޕްޝަނާގުޅޭ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރެއްވުމަށް ހުށައެޅުއްވުމުގެ ބާރު ލިބިގެންވާ މިނިވަން މުސްތަޤިއްލު ދައުލަތުގެ މުއައްސަސާއެކެވެ.