ޚަބަރު

ސާރކް ސަމިޓަށް ސަފާރީ ކުއްޔަށްހިފީ ރަނގަޅަށް


ސާރކް ސަމިޓަށް ރާއްޖެއިން ބޭރުން އައި ޓީމުތަކުގެ އެކޮމޮޑޭޝަން ހަމަޖެއްސެވުމަށް ސަފާރީ ކުއްޔަށް ހިފުމަށް ކުރި މުޢާމަލާތުގައި ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަނޑައަޅުއްވައިފިއެވެ.

2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި ސާރކް ސަމިޓަށް ރާއްޖެއިން ބޭރުން އައި ޓީމުތަކުގެ އެކޮމޮޑޭޝަން ހަމަޖެއްސެވުމަށް 6 ސަފާރީ ކުށްޔަށް ހިފާފައިވާ މައްސަލަ އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާތީ މި މައްސަލަ ބައްލަވައި އޭސީސީން ނިންމަވާފައިވަނީ އެ މުޢާމަލާތް ހިންގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ސާބިތުވާ ވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާ ކަމަށެވެ. އަދި 6 ސަފާރީގެ ތެރެއިން 5 ސަފާރީއަށް އެޑްވާންސް ފައިސާ ދައްކާފައިވަނީ ސާރކް ޓާސްކް ފޯސްގެ ލަފަޔާއެކު، އެނޫން ގޮތެއް ނެތިގެންކަމަށް އޭސީސީން ވަނީ ކަނޑައަޅުއްވާފައެވެ.

އޭސީސީގެ ތަޙްޤީޤް ރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުން ސާރކް ސަމިޓަށް ރާއްޖެއިން ބޭރުން އައި ޓީމުތަކަށް ކުއްޔަށްހިފި ގެސްޓް ހައުސްތަކާއި، ރިސޯޓްތަކުގެ އިތުރުން، އިތުރު 6 ސަފާރީ ކުއްޔަށް ހިފަން ޖެހުނީ، ސާރކް ސަމިޓަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ބައެއް ޤައުމުތަކުން އަންނަ މީހުންގެ ޢަދަދު އިތުރު ކުރުމުން ކަމަށެވެ. އެހެންކަމުން މި މުޢާމަލާތް ހިނގާފައިވާ ވަގުތާއި ޙާލަތައް ބަލައި، މި މުޢާމަލާތަކީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލެއް ކަމަށް ކަނޑައެޅޭނެތަނެއް ނެތްކަމަށް އޭސީސީން ވަނީ ކަނޑައަޅުއްވާފައެވެ.

އޭސީސީން ގެންދަވަނީ އޮޑިޓް ރިޕޯޓްތަކުގައި އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާ މަސައްލަތަކުގައި ކޮރަޕްޝަންގެ ޢަމަލެއް ހިމެނޭތޯ ބެއްލެވުމަށް އިތުރަށް ތަޙްޤީޤް ކުރައްވަމުނެވެ. އެގޮތުން ސާރކް ސަމިޓަށް އައްޑޫ ސިޓީން ބޮޑުއަގުގައި ވެކިކަލް ކުއްޔަށް ހިފި މައްސަލައިގައި ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާ ކަމަށް ކަނޑައެޅޭ ވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނުވާކަމަށް އޭސީސީން ކުރިން ވަނީ ކަނޑައަޅުއްވާފައެވެ.