ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ހުޅުވާލައްވައިގެން ޤުރުއާން މުބާރާތެއް ބޭއްވެވުމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ނިންމަވައިފިއެވެ.
މި މުބާރާތަކި ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރެއްވުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިވަޑައިގެން ބޭއްވެވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިއީ ހަމައެކަނި ސްކޫލްތަކަށް އަމާޒުކުރައްވައިގެން އެ މަރުކަޒުން ބާއްވަވަ ފުރަތަމަ ޤުރުއާން މުބާރާތެވެ. މި މުބާރާތް ފެށްޓެވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
ތިން ބަޔަކަށް ބައްސަވާލައްވައިގެން ބާއްވަވާ މި މުބާރާތުގައި އުމުރުފުރާތައް ގިންތި ކުރައްވާފައެއް ނުވެއެވެ. މި މުބާރާތުގައި ހިމެނޭ ބައިތަކަކީ ހިތުން ކިޔެވުމުގެ ބަޔާއި ބަލައިގެން ކިޔުމުގެ ބައި އަދި ޙިފްޒުކޮށް ކިޔެވުމުގެ ބައެވެ. އަދި މުބާރާތުގައި ދަރިވަރުން ވާދަކުރަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅުއްވާ އުޞޫލެއްގެ ދަށުންނެވެ. އެގޮތުން މާލޭ ސިޓީގެ ކޮންމެ ސްކޫލަކުން 6 ދަރިވަރުންނަށް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އައްޑޫސިޓީގެ ސްކޫލްތަކުން 18 ދަރިވަރުން މުބާރާތަށް ހޮވޭއިރު ފެލިދެއަތޮޅުގެ ސްކޫލްތަކުން މުބާރާތަށް ހޮވޭނީ 6 ދަރިވަރުންނެވެ. އަދި އެހެން ކޮންމެ އަތޮޅެއްގެ ސްކޫލްތަކުން މުބާރާތަށް ހޮވެނީ 12 ދަރިވަރުންނެވެ.
ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ މި މުބާރާތުގެ ސަބަބުން ސްކޫލްތަކުގެ ކުދިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
"މީގެ ބޭނުމަކީ އެހެން މުބާރާތްތަކޭ އެއް ގޮތަށް ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކުރުވުމާއި ޤުރުއާނަށް ލޯބި ޖެއްސުމާއި ބައިނަލް އަޤްވާމީ މުބާރާތްތަކަށް ފޮނުވާނޭ މީހުން އުފެއްދުމާއި ދެން ކީރިތި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކުރުވުމާއި ފެތުރުމާއި އަދި އޭގެ އިތުރަށް ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެކަކު އަނެކަކަށް ދެނެގަތުމުގެ ފުރުޞަތު ހުޅުވާލުން" އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.
މި މުބާރާތުގައި ކޮންމެ ބަޔަކުންވެސް އެންމެ މޮޅު 5 ދަރިވަރުން ހޮއްވަވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ކޮންމެ ބަޔަކުންވެސް އެއްވަނަ ޙާޞިލްކުރާ ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާ ޚާއްޞަ އިނާމު ލިބޭނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން ހާމަކުރައްވައެވެ. މި މުބާރާތަށް ސްކޫލްތަކުން އެދެވޭ ތަރުޙީބެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ.