ޚަބަރު

ކައުންސިލަރުންގެ ޝަރުތުކަނޑައަޅާ އިޞްލާޙް މަޖިލީހަށް ބަލައިގެންފި


ކައުންސިލަރުންގެ ޝަރުތު ކަނޑައަޅާ އިޞްލާޙް ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަވަން ފެނިވަޑައިގަންނަވާ ކަމަށް ފާސްކުރައްވައިފިއެވެ.

މި އިޞްލާޙްގެ ފުރަތަމަ ކިޔުން އިއްވެވުމަށްފަހު މިއަދުގެ ޖަލްސާގައި ވަނީ އިޞްލާޙްގެ ބަހުސް މަރުޙަލާވެސް ކުރިއަށް ގެންދަވާފައެވެ. މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ވޯޓުގައި ހޮޅުދޫ ދާއިރާގެ މެމްބަރ ޢަލީ މުޙައްމަދު ހުށަހެޅުއްވި އިޞްލާޙް ބަލައިގަންނަވަން ފެނިވަޑައިގަންނަވާ ކަމަށް 41 މެމްބަރުން ވަނީ ވޯޓު ދެއްވަވާފައެވެ. އިޞްލާޙް ބަލައިގަތުމާ ދެކޮޅަށް 21 މެމްބަރުން ވޯޓު ދެއްވިއެވެ.

މި އިޞްލާހުގައި ވިދާޅުވެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ކައުންސިލަށް ކުރިމަތިލެވޭނެ ކަމަށެވެ. އެ އިޞްލާޙްގައި ވިދާޅުވެފައި ވަނީ އެއްވެސް ޖިނާޢީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވެފައިވާން ޖެހޭނެ ކަމަށެވެ. ނުވަތަ އެ ހުކުމަށް ކަނޑައެޅުނު ޢަދަބު މަޢާފުކޮށްދެވުނުތާ ދެއަހަރު ފާއިތުވެފައިވާ މީހަކަށްވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރެވިދާނެ ކަމަށް އިޞްލާޙުގައި ވިދާޅުވެފައިވެއެވެ.

އިޞްލާޙުގައި ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތަކަށް ވީތާ 5 އަހަރުވެފައިވާ ބޭރު މީހަކަށްވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރެވިދާނެ ކަމަށެވެ. މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުގައި ވަނީ ދިވެހި ރައްޔިތަކަށްވެފައިވާ އެހެން ގައުމެއްގެ ރައްޔިތަކަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނީ ދިވެހި ރައްޔިތަކަށްވިތާ 5 އަހަރަށް ވުރެ ގިނަ ދުވަސްވުމާ އެކު ރާއްޖޭގައި ދިރިއުޅެމުންދާނަމަ ކަމަށެވެ.