ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލޭގެ ސްކޫލްތަކުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 150 ޓަނުގެ ކަރުދާސް އުކާލަމުންދެއެވެ. މިކަރުދާސް ރީސައިކަލް ކޮށްގެން ބޭނުންކުރެވޭނެ ކަރުދާހަށް ހެދުމުގެ ގޮތުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް ވެމްކޯއިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ސްކޫލްތަކުން އުކާލާ ކަރުދާސްތައް މި އެއްބަސްވުމުގެ ދަށުން ވެމްކޯއިން ގެންދަނީ ރިސައިކަލްކޮށްގެން އަލުން ބޭނުންކުރެވޭނެ ގޮތް ހެދުމަށް އެކްސްޕޯޓްކުރަމުންނެވެ. ސްކޫލްތަކުން ކަރުދާސް އެއްކުރުމަށް ސްކޫލްތަކުގައި ވަނީ މިކަމަށް ޚާއްޞަ ޑަސްބިންތައް ބަހައްޓާފައެވެ.
ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވީ ރީސައިކަލް ކުރުމަށް ވެމްކޯއިން ފޮށިގަނޑާއި، ފޮތް އަދި އޮފީސްތަކާއި ސްކޫލްތަކުން އުކާލާ ކަރުދާސްތައް އެއްކުރަމުންދާކަމަށެވެ. އަދި މިތަކެތި ތިލަފުށްޓަށް ގެންގޮސް އިންޑިއާއަށް އެކްސްޕޯޓްކުރާކަމަށް ފުއާދު ވިދާޅުވިއެވެ.
މިގޮތުން ވޭތުވެދިޔަ 2 މަސްދުވަހުގެ ތެރޭގައި 65 ޓަނުގެ ކަރުދާސް އެކްސްޕޯޓް ކޮށްފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބުނެއެވެ.
ރިސައިކަލްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކްސްޕޯޓްކުރާ ކަރުދާހުގެ 90 އިންސައްތައަކީ ސްކޫލްތަކުގައި ބޭނުންކުރުމަށްފަހު އުކާލާ ކަރުދާސްތައްކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ވަނީ ކުނި އުކާލުމުގައި ރީސައިކަލްކުރެވޭނެ ޒާތުގެ ކުނި އެހެންކުންޏާއި އެއްނުވާނެ ފަދަ ގޮތަކަށް އުކާލުމަށް އާއްމުންގެ ފަރާތުން އެދިފައެވެ.
ވެމްކޯއިން މިހާރުވެސް ގެންދަނީ ކަރުދާހުގެ އިތުރުން ޕްލާސްޓިކް އަދި ލަކުޑިވެސް ރީސައިކަލް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.