ރާއްޖޭގެ ތިމާވެއްޓަށް އެންމެ ބޮޑަށް ނޭދެވޭ އަސަރުތައް ކުރަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެންވަޔަރަމަންޓް މިނިސްޓަރ މިހެން ވިދާޅުވީ 2016 ވަނަ އަހަރު ރާއްޖޭގެ ތިމާވެށީގެ ޙާލަތު ދެނެގަތުމަށްޓަކައި އެ މިނިސްޓްރީން ތައްޔާރު ކުރެއްވި ރިޕޯޓު ނެރުއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 2016 ވަނަ އަހަރު ރާއްޖޭގެ ތިމާވެށީގެ ޙާލަތު ދެނެގަތުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީން ތައްޔާރު ކުރެއްވި ރިޕޯޓް މިއަދު ވަނީ ނެއްރުއްވާފައެވެ.
މި ރިޕޯޓް ނެރެދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމެވެ. ރާއްޖެއަށް ދިމާވާ ތިމާވެށީގެ މައްސަލަތައް ޙައްލުކުރެއްވުމަށް ކުރެވެން އޮތް ހުރިހައި މަސައްކަތްތަކެއް ސަރުކާރުން ކުރައްވާނެ ކަމަށް މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ރައްކާތެރި ބޯފެން ނުލިބުމުގެ މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދަވާ އިންޓަރގެރޭޓްޑް ވޯޓަރ ރިސޯސް މެނޭޖްމެންޓް ސިސްޓަމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގައި މި ރިޕޯޓުގައި ހިމަނުއްވާފައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ކުނި މެނޭޖުކުރުމުގައި ނުވަތަ ސޮލިޑްވޭސްޓް މެނޭޖްމަންޓްގެ މައްސަލައަކީ ވެސް ހަމަ ބޮޑު މައްސަލައެއް ގޮތުގައި ފާހަގަކޮށް ރާއްޖެއިން މިއަދު ކުރަމުންދާ ވޭސްޓް މެނޭޖްމެންޓް ސިސްޓަމްގެ ވެސް ކުރަމުންދާ މުހިއްމު މަސައްކަތްތަކުގެ ވާހަކަވެސް އަލިއަޅުވާލާފައިވާނެއެވެ. އޭގެ ތެރޭގައި ރ. ބ. ޅ. ނ ގައި މިހާރު ހެދިފައިން އިންޓަރގްރޭޓެޑް ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގެ މުހިންމުކަމާއި އަދި ރާއްޖެއިން ކުރިއަށް ރޭވިފައި ހުރި ބައެއް ކަންކަން ވެސް ހިމެނިފައިވާނެ،" މިނިސްޓަރ ވިދާޅުވިއެވެ.
މި ރިޕޯޓުގައި މައިގަނޑު 4 ދާއިރާއަކުން ރާއްޖޭގެ ތިމާވެށީގެ ޙާލަތު އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، އާބާދީ އިތުރުވާ މިންވަރާއި، އަރބަނައިޒޭޝަން އަދި އިކޮނޮމިކް ޑިވޮލޮޕްމަންޓް ހިމެނެއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ މައްސަލަތަކުގެ ގޮތުގައި ރަށްގިރުމުގެ މައްސަލައާއި ރަށްރަށުގެ ފެންފަށަލަ ތަޣައްޔަރުވުމާއި މުރަކަ ހުދުވުން ފަދަ މައްސަލަތައް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ހަކަތައިގެ ދާއިރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް މި ރިޕޯޓުގައި ހިމަނުއްވާފައިވެއެވެ.