އިންޓަނެޓްގައި ބޭނުންކުރާ އެކި އެކައުންޓްތަކާއި، އެކިކަންކަމުގައި ބޭނުންކުރާ ލޮގިންތަކުގެ ޕާސްވޯޑަކީ ތިމާ ނޫން އެހެން މީހަކަށް ނޭނގޭނޭ ސިއްރު އެއްޗެކެވެ. ޕާސްވޯޑުގެ ސިއްރު ހިފެހެއްޓުމަށްޓަކައި، ވިސްނުންތެރިކަމާއެކު ހަދާ އެއްޗަކަށް ޕާސްވޯޑް ވާންޖެހެއެވެ. އެހެންނޫންނަމަ، ހެކަރުން ނުވަތަ ޤަވާއިދާ ޚިލާފަށް ކޮމްޕިއުޓަރ ނެޓްވޯރކުގެ ތެރެއަށް ވަދެ މަޢުލޫމާތު ވަގަށް ނަގާ މީހުންނަށް ޕާސްވޯޑް ދެނެގަތުމަށް ފަސޭހަވަގެންދެއެވެ.
ކޮމްޕިއުޓަރ ވިއުގަތަކުގައި ހަދާ ޕާސްވޯޑުތަކުގެ މައުލޫމާތު ބަލަހައްޓައި، އެމަޢުލޫމާތު ރައްކާތެރިކޮށްދިނުމުގެ މަސައްކަތްކުރާ ފަރާތެއް ކަމަށްވާ ސްޕްލޭޝް ޑާޓާއިން ވަނީ 2016ވަނަ އަހަރު ހެކަރުންނަށް އެންމެ ފަސޭހަކަމާއެކު ވަގަށް ނެގުނު ޕާސްވޯޑުތަކުގެ ލިސްޓެއް ޢާއްމުކޮށްފައެވެ. މިލިސްޓުގައި 25 ޕާސްވޯޑެއް ހިމެނެއެވެ. މުޅި އަހަރުގެތެރޭގައި ލީކުވި ފަސް މިލިޔަނަށްވުރެ ގިނަ ޕާސްވޯޑުގެ ތެރޭގައި އެންމެ ގިނައިން ހިމެނިފައިވަނީ މި 25 ޕާސްވޯޑުކަމަށް ސްޕްލޭޝް ޑާޓާއިން ބުނެއެވެ.
img:http://s1.psmnews.mv/images/660x400/14859740537533.jpg|
ސްޕްލޭޝް ޑާޓާގެ ސާރވޭއިން ހާމަވާ ގޮތުގައި ބޭނުންކުރުން އެންމެ ރަނގަޅުނޫން ޕާސްވޯޑުތަކުގެ ލިސްޓުގެ އެއްވަނާގައި އޮތީ "123456" މިޕާސްވޯޑެވެ. މިގޮތަށް ނަމްބަރުތަކެއް އަތުރާލައިގެން ހަދާ ޕާސްވޯޑުތަކަކީ ހެކަރުންނަށް ފަސޭހަކަމާއެކު ދެނެގަނެވޭނެ ޕާސްވޯޑުތަކެއް ކަމަށާއި، މިގޮތަށް ނަމްބަރުތަކުން ހަދާފައިވާ ޕާސްވޯޑުތައް 2015 ވަނަ އަހަރުގެ ލިސްޓުގައިވެސް ގިނަ ޢަދަދަކަށް ހިމެނިފައިވާކަން ސްޕްލޭޝް ޑާޓާއިން ފާހަގަކުރެއެވެ.
އަދި 2016ވަނަ އަހަރުގެ ލިސްޓުގައިވެސް މިފަދަ ޕާސްވޯޑުތައް ގިނަ އަދަދަކަށް ހިމެނިފައިވާއިރު މިލިސްޓުގެ ދެވަނާގައި އޮތީ "ޕާސްވޯޑް" މިއެވެ. މިއީވެސް ވަރަށް ޢާއްމު ގޮތެއްގައި މީހުން ބޭނުންކުރާ ޕާސްވޯޑެއް ކަމަށާއި، އެހެންކަމުން ކޮންމެ އަހަރަކުވެސް ވަގަށްނަގާ އެތައް މިލިޔަން ޕާސްވޯޑުގެތެރޭގައި އަބަދުވެސް މިޕާސްވޯޑު ހިމެނޭކަން ސްޕްލޭޝް ޑާޓާއިން ފާހަގަކުރެއެވެ.
img:http://s3.psmnews.mv/images/660x400/14859539046474.jpg|ހެކަރުންނަށް ފަސޭހައިން ދެނެގަނެވޭ ޕާސްވޯޑުތައް
މިޕާސްވޯޑު ހެކަރުން ފަސޭހަކަމާއެކު ވަގަށް ނަގާފައިވާ ޕާސްވޯޑުތަކުގެ ލިސްޓުގައި ހިމެނޭ އެންމެ ތަފާތު އެއް ޕާސްވޯޑަކީ "zaq1zaq1" މިއެވެ. މިއީ ކީބޯޑުގެ ވައަތް ފަރާތުގައި ހިމެނޭ އަކުރުތަކުން ހަދާފައިވާ ޕާސްވޯޑެކެވެ. މިގޮތަށް އަކުރުތަކެއް އަތުރާލައިގެން ނަމްބަރެއް އިތުރުކޮށްލައިގެން ހަދާފައިވާ ހުންނަ ޕާސްވޯޑުތައް ރައްކާތެރިނުވާނެ ކަމަށާއި، އެއީ ފަސޭހައިން ހެކަރުންނަށް އެއަކުރުތައް އަންދާޒާކުރެވޭނެތީކަން ސްޕްލޭޝް ޑާޓާގެ ސީއީއޯ ފާހަގަކޮށްފައިވެއެވެ.
އަކުރު ހިމަނައިގެން މަދުވެގެން 8 ކެރެކްޓަރ ޕާސްވޯޑެއްގައި ހިމެނުމަށާއި، އެއްވައްތަރަކަށް އަބަދު ޕާސްވޯޑު ނުހެދުމަކީ، ރައްކާތެރިކަމާއެކު ޕާސްވޯޑު ހެދުމުގައި ގެންގުޅެވިދާނެ އުކުޅުތަކެއް ކަމަށް ސްޕްލޭޝް ޑާޓާއިން ފާހަގަކުރެއެވެ.