ތަޢުލީމު

ޢަރަބި ތަޢުލީމު ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް


ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައި ސަރުކާރުގެ ކަމާއިގުޅޭ މުއައްސަސާތަކުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ 2 ސްކޫލެއް ވަނީ ޤާއިމްކުރައްވާފައެވެ. ދެކުނުގައި ޢަރަބި މީޑީއަމަށް ކިޔަވައިދެނީ އައްޑޫސީޓީ، ހިތަދޫ ނޫރާނީ ސްކޫލުގައެވެ. އަދި އުތުރުގައި ޢަރަބި މީޑީއަމަށް ކިޔަވައިދެނީ ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަރުގައެވެ.

މީގެ އިތުރުން މާލޭގައި ހުންނަ އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ ވެސް ޢަރަބި މީޑިއަމަށް ކިޔަވައިދެމުންގެންދާ ސްކޫލެކެވެ. މީގެ އިތުރުން ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން ރާއްޖޭގެ 41 ސްކޫލެއްގައި މިހާރުވެސް ޢަރަބި ބަސް ކިޔަވައިދެއްވަމުން ގެންދަވައެވެ.

img:http://s1.psmnews.mv/images/660x400/14862152723184.jpg|އަލްމަދަރަސަތުލް ޢަރަބިއްޔާގެ ދަރިވަރުންތަކެއް / ފޮޓޯ: އަރަބިއްޔާ ސްކޫލް

ޢަރަބި ތައުލީމު ފުޅާ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ސަރުކާރާއި ގުޅިވަޑައިގެން ރާއްޖޭގައި ޢަރަބި ބަސް އުނގަންނައިދޭ މަރުކަޒެއް ޤާއިމްކުރެއްވުމަށް މިދިޔަ އަހަރު ސަޢޫދީ ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި ޢަރަބި ބަސް އުނގަންނައިދިނުމަށް މިދިޔަ އަހަރު ސަތޭކަ ހާސް ފޮތް ސަޢޫދީން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

ރާއްޖޭގެ މުދައްރިސުން ޢަރަބި ބަހަށް ތަމްރީނުކުރެއްވުމަށްޓަކައި ސަޢޫދީ ސަރުކާރުން ފޮނުއްވި ޓީޗަރުންގެ އެހީތެރިކަމާއެކު ޚާއްސަ މަސައްކަތްތަކެއް ވެސް މިހާރު ވަނީ ފަށްޓަވާފައެވެ. އަދި ރާއްޖޭގައި ޢަރަބި ކިޔަވައިދޭ ސްކޫލްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ސަޢޫދީގެ ޚާއްސަ ވަފުދެއް ވެސް މިއަހަރު ތެރޭގައި ރާއްޖެ ވަޑައިގެންފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14851709988464.jpg|ޢަރަބި އިސްލާމް މުދައްރިސުންނަށް ފެއްޓެވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ވަފްދުގެ ބޭފުޅުން ވަނީ ރާއްޖޭގެ ޢަރަބިއްޔާ ސްކޫލާއި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ޤުރުއާނާއި ބެހޭ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާފައެވެ. މީގެ އިތުރުން ސަޢޫދީ ސަރުކާރުގެ އެހީގެ ދަށުން ދަށް ގްރޭޑްތަކުގެ ކުދިން އަރަބި ބަސް އުނގެނުމަށް ބޭނުންވާ ބައެއް ވަސީލަތްތަކާއި ޑިކްޝަނަރީތައް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި ޢަރަބި އިސްލާމް ތަޢުލީމް އުނގަންނަވައިދެއްވުމުގައި މަސައްކަތް ކުރައްވާ ދިވެހި މުދައްރިސުން، ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ޒަމާނީ ވަޞީލަތްތަކަށް އަހުލުވެރިކުރުވުމުގެ މަގްޞަދުގައި ޚާއްސަ މަސައްކަތު ބައްދަލުވުމެއް ވެސް ނިމުނު ހަފްތާގައި ބާއްވާފައިވެއެވެ. 

ޢަރަބި ބަހުން ކުރިއަށް ގެންދެވި މި މަސައްކަތު ބައްދަލުވުމުގައި މާލޭގެ ސްކޫލްތަކުން ޢަރަބި އަދި އިސްލާމް ކިޔަވައިދޭ 25 މުދައްރިސުން ބައިވެރިވެފައިވެއެވެ.