ރާއްޖޭގެ ސްކޫލްތަކުގައި ޢަރަބި އިސްލާމް ތަޢުލީމް ކިޔަވައިދެއްވާ މުދައްރިސުންނަށް ބޭއްވެވި މަސައްކަތު ބައްދަލުވުން ނިންމަވާލައްވައިފިއެވެ.
މިއީ ރާއްޖޭގެ ސްކޫލްތަކުގައި ޢަރަބި އިސްލާމް ތަޢުލީމް އުނގަންނަވައިދެއްވުމުގައި މަސައްކަތް ކުރައްވާ ދިވެހި މުދައްރިސުން، ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ޒަމާނީ ވަޞީލަތްތަކަށް އަހުލުވެރިކުރުވުމުގެ މަގްޞަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ނަޒީރު ވިދާޅުވީ އުނގެނުމާއި އުނގަންނައިދިނުމުގައި އިސްލާމްދީނުގެ ރިވެތި ހަމަތަކާއި އުޞޫލްތައް ހުރިހާ މާއްދާއެއްގެ ތެރެއިން ވެސް ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ ކަމަށެވެ. އަދި މިފަދަ މަސައްކަތު ބައްދަލުވުންތަކުން ޙާސިލްވާ ކަންކަން ސްކޫލްތަކުގެ ކްލާސްރޫމްތަކުން ފެންނަންޖެހޭކަމަށް ޢަބްދުﷲ ނަޒީރު ވިދާޅުވިއެވެ.
މިމަހުގެ ތޭވިހުން ފެށިގެން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ކުރިއަށްގެންދެވި މި މަސައްކަތު ބައްދަލުވުމުގައި މާލޭގެ ސްކޫލްތަކުން ޢަރަބި އަދި އިސްލާމް ކިޔަވައިދޭ 25 މުދައްރިސުން ބައިވެރިވެފައިވެއެވެ. ކުދިންގެ ހިތްތަކުގައި ލޯބި ޖައްސުވައި ދީނީ އަޚްލާޤީ މިންގަނޑުތައް ފިލާވަޅުތަކުގައި ހިމަނުއްވާނެ ގޮތްތަކުގެ މަޢުލޫމާތު މި މަސައްކަތު ބައްދަލުވުމުން އެނގިގެންދިޔަ ކަމަށް މި މަސައްކަތުގެ ބައްދަލުވުމުގެ ބައިވެރިން ބުންޏެވެ.
މި މަސައްކަތު ބައްދަލުވުމަކީ އިސްލާމިކް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން އިސެސްކޯ އާއި މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޯ ޔުނެސްކޯ އަދި ގުރަނަޑާ އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ.
ރާއްޖޭގައި އަރަބި ތަޢުލީމު، ސާޅީހަށްވުރެ ގިނަ ސްކޫލެއްގައި ކިޔަވައިދެއްވައެވެ. އަދި ޢަރަބި މީޑީއަމަށް ކިޔަވައިދޭ ހަތަރު ސްކޫލެއް ރާއްޖޭގައި ވަނީ ޤާއިމް ކުރައްވާފައެވެ.