ޚަބަރު

ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނަން- ޒަމީރު


ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވަނީ ރާއްޖެއަންނަ ފަތުރުވެރިންގެސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާޒަމީރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު މިހެން ވިދާޅުވީ ކައުންޓަރ ޓެރަރިޒަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތައް ހޭލުންތެރިކުރުވުމަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެއަކީ މިކަމުން ސަލާމަތް ވެގެންވާ ޤައުމެއް ކަމުގައި ދެކިގެން ނުވާނެކަމަށެވެ. 

ކުރިމަތިވެދާނެ ޓެރަރިސްޓް ޙަމަލާއަކަށް ތައްޔާރީ ޙާލަތެއްގައި އޮތުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ޤައުމެއްކަމަށްވުމުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖެއަންނަ ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެއަށް ހުރި ޓެރަރިޒަމްގެ ނުރައްކާތައް ދެނެގަތުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ޕޮލިސްގެ ޑިޓެކްޓިވް ޗީފް އިންސްޕެކްޓަރ ޖޭމްސް ކޮންސްޓަބަލް ވިދާޅުވީ ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އިނގިރޭސިވިލާތުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. އަދި މިކަމަށް އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރުންބާ މޯލްޑިވްސްގައި ކުރިއަށްދާ ބައިނަލްއަޤްވާމީ ކައުންޓަރ ޓެރަރިޒަމް އެވެއާނަސް ވޯކްޝޮޕް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވާނީ އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ޕޮލިސްގެ ތަޖްރިބާކާރުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ފޮލިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމެންޓާއި ޓޫރިޒަމް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ ގުޅިވަޑައިގެން ކުރިއަށްގެންދަވާ މި ވޯކްޝޮޕްގައި ޓެރަރިޒަމް ނައްތާލުމަށް ކަމާބެހޭ ފަރާތްތަކުން އެޅިދާނެ ފިޔަވަޅުތަކާއި، ސަމާލުވާންވީ ކަންކަމާ ގުޅޭ މައުލޫމާތު ދެއްވުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތު ބައްދަލުވުމުގައި ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތަށް ޓެރަރިޒަމްގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.